ޚަބަރު

3 މަސްދުވަހުގެ ތެރޭގައި 17 ރަށުގައި ފިއުލް ސްކިޑްތައް އަޅާނެ


  • ފުރަތަމަ ފިއުލް ސްކިޑް ހުޅުވީ ދުވާފަރުގައި

  • މި ސްކިޑްތަކުން އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެ

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް އޮތެވެ. އޭގެތެރެއިން އެއް ޝަކުވާއަކީ އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. މިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ފިއުލް ސްކިޑްތަކެއް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ %78 ނިމިފައިވާކަމަށާއި ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށް ހާރިސް ވިދާޅުވިއެވެ.

"ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިފަދައިން ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. މަސައްކަތުގެ %78 ފިޒިކަލް މަސައްކަތް މިހާރު ނިމިފައި ވަނީ. އޭގެތެރޭގައި ބައެއް ރަށްރަށުގައި ފައުންޑޭޝަން އެޅުމާއި، ބިމުގެ އަޑީގައި ވަޅުލަންޖެހޭ ހޮޅި ވަޅުލުމާއި، އަދި ފިޒިކަލީ ގެންދަންޖެހޭ ސާމާނުތައް ރާއްޖެ ގެނެސް ރަށްރަށަށް ގެންދިއުމުގެ މަސައްކަތްތައް ކުރެވެމުން ދަނީ. މި ޕްރޮޖެކްޓްގެ ފުރަތަމަ ސްކިޑް ރ. ދުވާފަރުގައި މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ ތެރޭގައި ވަނީ ހުޅުވިފައި." ހާރިސް މުޙައްމަދު ވިދާޅުވިއެވެ.

މީގެ ފުރަތަމަ ސްކިޑް ހުޅުވާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރ. ދުވާފަރުގައެވެ. ބާކީ 17 ރަށުގައި މިފަދަ ސްކިޑްތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ހިންގަނީ އެސްޓީއޯއާއި އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ އަދުގެ ސަރުކާރުން މުހިންމު އިސްކަމެއްދެއްވާ ސިނާޢަތެއެވެ. އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކެއް ސަރުކާރުން ގެންދަވަނީ ފުއްދަވައި ދެއްވަމުންނެވެ. އެގޮތުން، 2024 ވަނަ އަހަރުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ޚަލާސްކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ އަންނަނީ ދޫކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިން ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ގާއިމުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.