ޚަބަރު

ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން 325 މިލިޔަން ރުފިޔާ


  • ރާއްޖެއަށް 5.3 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި

  • ރާއްޖެއިން ތައިލޭންޑަށް 121 މިލިޔަން ރުފިޔާގެ މުދާ ފޮނުވި

މިދިޔަ ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން 325 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ ބާވަތްތަކެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް 5.3 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އަދި 204 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ.

ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތަފްސީލް:

* ކެއުމަށް ބޭނުންކުރާ ބާވަތް: 1.14 މިލިޔަން ރުފިޔާގެ މުދާ
* މެޝިނަރީއާއި ކަރަންޓް ސާމާނު: 992 މިލިޔަން ރުފިޔާގެ މުދާ
* ފިއުލް: 890 މިލިޔަން ރުފިޔާގެ މުދާ
* ކެމިކަލްގެ ބާވަތްތައް: 300 މިލިޔަން ރުފިޔާގެ މުދާ
* ހިލަ އަދި ހިލަވެލީގެ ބާވަތްތައް: 135 މިލިޔަން ރުފިޔާގެ މުދާ
* ވެހިކަލްއާއި ވެހިކަލްގެ ބާވަތްތައް: 82 މިލިޔަން ރުފިޔާގެ މުދާ

ރާއްޖެއިން އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 943 މިލިޔަން ރުފިޔާގެ މުދަލެވެ. 2ވަނަ އަށް އެންމެ ގިނައިން އިމްޕޯޓްކުރީ އޮމާންއިންނެވެ. އެއީ 766 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި ޔޫއޭއީން 688 މިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއިން 204 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މީގެތެރޭގައި އެންމެ ގިނައިން ހިމެނެނީ ފިނިކުރި ކަނޑުމަހުގެ ބާވަތްތަކެވެ. 90 މިލިޔަން ރުފިޔާގެ ފިނިކުރި ކަނޑުމަހުގެ ބާވަތް ރާއްޖެއިން ވަނީ އެކްސްޕޯޓްކޮސްފައެވެ. ދަޅުގައި ބަންދުކޮށްގެން 39 މިލިޔަން ރުފިޔާގެ ކަނޑުމަހުގެ ބާވަތް، 32 މިލިޔަން ރުފިޔާގެ ފިނިކުރި ރީނދޫ އުރަހަ ކަންނެލި، އަދި އިންސާނުން ކެއުމަށް ބޭނުންކުރަން ކަމުނުދާ، މަހުން އުފައްދާފައިވާ 8 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން ވަނީ އެކްސްޕޯޓްކޮށްފައެވެ.

އެންމެ ގިނައިން އެކްސްޕޯޓްކުރި ގައުމުތައް:

* ތައިލޭންޑް: 121 މިލިޔަން ރުފިޔާގެ މުދާ
* ގްރޭޓް ބްރިޓެއިން: 33 މިލިޔަން ރުފިޔާގެ މުދާ
* ފްރާންސް: 8 މިލިޔަން ރުފިޔާގެ މުދާ
* ބަންގްލަދޭޝް: 7 މިލިޔަން ރުފިޔާގެ މުދާ
* އިންޑިއާ: 6 މިލިޔަން ރުފިޔާގެ މުދާ

ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް އައި އުޅަނދާއި އަދި ފުރި އުޅަނދުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 143 އުޅަނދު ރާއްޖެއަށް ވަނީ އައިސްފައެވެ. 2024 ވަނަ އަހަރު އައިސްފައިވަނީ 120 އުޅަނދެވެ. އަދި 2025ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއިން 174 އުޅަނދު ވަނީ ފުރާފައެވެ. 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއިން ފުރާފައިވަނީ 120 އުޅަނދުކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.