މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
މިއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ޕެކޭޖު 2 ގެ ދަށުން ހިންގާ މަޝްރޫޢެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކާ، ފެން ހިންދާ ނިޒާމު ޒަމާނީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާއެވެ.
މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕު ސްޓޭޝަން އޮޓޮމޭޓްކުރުމަށްޓަކާ ހަރުކުރަންޖެހޭ އަލާތްތައް ޕަމްޕު ސްޓޭޝަންތަކުގައި ހަރުކުރުމާއި، މި 16 ޕަމްޕު ސްޓޭޝަން މޮނިޓަރކުރުމަށްޓަކާ ސެންޓްރަލައިޒްޑް މޮނިޓަރިންގ ސްޓޭޝަނެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގް ވެހިކަލެއް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މި މަސައްކަތް ޖަޕާނުގެ ޓެކް އިންޓަރނޭޝަނަލްއާ ޙަވާލުކޮށްފައިވަނީ 487 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަކަށް ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ނިޒާމުގެ ސަބަބުން، ފެންހިންދާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓުމެއްނެތި، 24 ގަޑިއިރު މޮނިޓަރކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އެވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
"ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ދަށުން މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ޙަވާލުކޮށްފައިވާއިރު، ހަމަ މި ޕްރޮޖެކްޓުގެ ޕެކޭޖު 1 ގެ ދަށުން މާލޭގެ ބޮޑުހިލައިގެ ބޭރުތޮށި މަރާމާތުކޮށް ތަރައްޤީކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު ވަނީ ސޮއިކޮށްފައެވެ.