ޚަބަރު

މާފުށީ ބަނދަރު ތަރައްޤީ ކުރާނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު


  • މިއީ 76.48 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • މަޝްރޫޢުގެ ދަށުން 374 މީޓަރުގެ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވޭ

ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ގޮސްއައިސްހަދާ މާފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ލަފާ ފުރުމުގެ ދަތިކަމެވެ.

މާފުށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ޒަމާންވީ ބަނދަރެކެވެ. ޑިންގިތަކާއި، ޑައިވިން ދޯނިތަކާއި، ލޯންޗުތައް އިތުރުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑު ރަށެކެވެ. މިއާއެކު ސަރުކާރުންވަނީ އެރަށު ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. އަދި އެ މަސައްކަތް މިހާރު ހަލުވި ދުވެލީގައި ބާރަށް ކުރިއަށްދެއެވެ.

ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މާފުށީގައި 374 މީޓަރުގެ ބަނދަރެއް ހެދުމަށެވެ. މީގެތެރޭގައި މިހާރުގެ ބަނދަރާއި ބަނދަރަށް އަލަށް އިތުރުކުރާ ބައި ހިމެނެއެވެ.

މާފުށީ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރު ބޭރު ތޮއްޓަށް ބަދަލު ގެނެސްދިނުމެވެ. މި ކަންބޮޑުވުން އެރަށު ރައްޔިތުންވަނީ އެކި ފަހަރުމަތިން ސަރުކާރާ ހިއްސާކުރައްވާފައެވެ.

މާފުށީ ބަނދަރު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައްޔިތުން އެދިފައިވާގޮތަށް ބަދަލު ގެނެސްގެން ބަނދަރުގެ މަސައްކަތްކުރުމަށް އެވުޒާރާގެ ބިޑް ކޮމިޓީން ނިންމާފައިވާކަމަށެވެ.

"މާފުށީ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރު ބޭރު ތޮއްޓަށް ބަދަލުތަކެއް ގެނެސްދިނުން. އަޅުގަނޑުމެން މިއަދު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމާފައިވާނެ މިހާރު ރައްޔިތުން އެދިފައިވާގޮތަށް އެބަދަލު ގެނެސްގެން ބަނދަރުގެ މަސައްކަތް ނިންމާދިނުމަށް. އެހެންކަމުން އެމްޓީސީސީން މި މަޝްރޫޢު ނިމިގެންދާއިރު ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް ބަނދަރުގެ މަސައްކަތް ނިމިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމަށް އިސްކަންދީގެން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލާއި ރަށުގެ ރައްޔިތުންނާ ގުޅިގެން، ރަށުގެ ތަރައްޤީއަށް ބޭނުންވާގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްކަމަށެވެ.

މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 76.48 މިލިޔަން ރުފިޔާއަށެވެ.