ޚަބަރު

ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި


  • ހެނދުނު 8:00އިން 9:30އަށް މުދާ އުފުލުން މަނާވާނެ

  • ހަވީރު 16:30އިން 20:00އަށް މުދާ އުފުލުން މަނާވާނެ

ރަމަޟާން މަހުގެ މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ 1447 ވަނަ އަހަރުގެ ރަމަޟާންމަހު އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް އާންމުކޮށްފައެވެ.

އެގޮތުން ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލުމަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން 9:30އަށް އަދި 16:30 އިން 20:00އަށް މުދާ އުފުލުން މަނާވާނެއެވެ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް 16:30އިން 20:00އަށް މިގަޑިތަކުގައި ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އުސޫލާއި ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫން ދަށުން -/750 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް މާލޭ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި، މަގުމަތި ބޭނުންކުރުން ފަސޭހަކުރުމަށްޓަކާ ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލާ ވެހިކަލްތައް ދުއްވުން މަނާ ގަޑިތަކެއް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައެވެ.