ރައީސްގެ ނިންމެވުމާ އެއްގޮތަށް ކުރިން ވެސް ކަނޑައެޅިފައި އޮތް އެސްއީޒެޑް ޤައުމީ ދިފާއީ ބާރުން ބަލަހައްޓަމުން ގެންދާނެކަން ދިފާއީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދިފާއީ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީއެވެ.
ރައީސުލްޖުމްޖޫރިއްޔާގެ 3 ވަނަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، އެކަން އިޢުލާނުކުރައްވާފައެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކުރާ ސަރަޙައްދުކަމަށެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވުކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގެގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުކަމާއި، އެގޮތުން ދިވެހިރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ޤައުމުތަކާއެކު 31 ޖުލައި 1976 ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ޑިޓަރމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން އެއްވެސް ޤައުމަކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައިނުވެއެވެ.
އެގޮތުން، ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާތީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ސިފައިންގެ މައިގަނޑު މަޤްޞަދުކަމަށް ބަޔާންކޮށްފައިވުމުން ސިފައިންގެ ޤާނޫނުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާއި، ޤައުމީ މަސްލަހަތު ޙިމާޔަތްކޮށް، ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް ސިފައިންގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވާކަން ދިފާއީ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ އަދި ޤާނޫނުތަކުގައި ލާޒިމްކޮށްފައިވާ ފަދައިން ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަސްކަރިއްޔާގެ ޤާބިލްކަން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އިޚްލާޞްތެރިކަމާއި، ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމުގައި ދިފާއީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިއާއެކު ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ ސިޔާދަތީ ޤާބިލްކަން ހޯދުމަށް ފާއިތުވި 2 އަހަރު ސަރުކާރުން ކުރި މަސައްކަތުން، ކަނޑާއި ވައިގެ ޒަމާނީ އުޅަނދުތައް ޚިދުމަތަށް ނެރެވި ކަނޑުތައް ބެލެހެއްޓޭނެ އިތުރު ވަޞީލަތްތައް ވަނީ ޤާއިމުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ކަނޑުތަކުގައި، ޤާނޫނީ ހަމަތަކުގެ މަތިން އިޤްތިޞާދީ އަދި އިޖުތިމާޢީ ނަފާއާއި މަންފާ ޙާޞިލުކުރުމަށް ފަހި، އަމާން އަދި ރައްކާތެރި ވެއްޓެއް ދިވެހިންނަށް ޤާއިމުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ދިވެހި އަސްކަރިއްޔާއިން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިފާއީ ވުޒާރާއިން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.