ޚަބަރު

ޖަނަވަރީ މަހު މަސްވެރިންނަށް 40 މިލިޔަން ރުފިޔާ


  • 236 ދޯންޏަކުން 2454.34 ޓަނުގެ މަސްކިރުވާފައިވޭ

  • މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އަންނަނީ ފައިސާ ދޫކުރަމުން

ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ މަހު މިފްކޯއަށް 236 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

މިފްކޯއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޖުމްލަ 236 ދޯންޏަކުން 2454.34 ޓަނުގެ މަސްވަނީ ކިރާފައެވެ. މި ދޯނިތަކަށް 40،396،111.60 މިލިޔަން ރުފިޔާވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް، 10 ކިލޯއިން މަތީގެ ކަންނެލި، އަދި 15 ކިލޯއިން މަތީގެ ކަންނެއްޏެވެ. އެންމެ ގިނަ ފައިސާދޫކޮށްފައިވަނީ ކަޅުބިލަމަހަށެވެ.

ކަޅުބިލަމަސް:

• 199 ދޯނި
• 2301.73 ޓަނު
• ޖުމްލަ ފައިސާ: 36.9 މިލިޔަން ރުފިޔާ

ކަންނެލި (10 ކިލޯއިން މަތި):

• 168 ދޯނި
• 80.45 ޓަނު
• ޖުމްލަ ފައިސާ: 1.6 މިލިޔަން ރުފިޔާ

ކަންނެލި (15 ކިލޯއިން މަތި):

• 148 ދޯނި
• 72.16 ޓަނު
• ޖުމްލަ ފައިސާ: 1.8 މިލިޔަން ރުފިޔާ

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މަސްވެރިން ކިރުވާ މަހަށް އެންމެ ލަސްވެގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ.

މަސްވެރިކަމަށް ނިކުންނަ ދޯނިތައް އިތުރުވެ، މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށުމާއެކު މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ހެދިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.