ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒު ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިކަމަށްޓަކައި މިއަދު ސިޓީތަކާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސިޓީތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އަދި އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ހިސާން ޙަސަންއެވެ.
ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެެއްބަސްވުމަކީ އެންޑީއެމްއޭއިން ކުރިއަށްގެންދާ ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒު ކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން، އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރިއަށްގެންދާ ޔުނެސްކޯ އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން، އެ އޮތޯރިޓީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ދެމެދު… pic.twitter.com/miKjAVEnBo
— Ministry of Cities, Local Government, Public Works (@MoCLPmv) February 2, 2026
މީގެ އިތުރުން، މި ފަހުމުނާމާއަކީ އެ ވުޒާރާއާއި އެންޑީއެމްއޭއާ ދެމެދު މިިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 10ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ މައްޗަށް ބިނާކޮށް، ސުނާމީ ރެޑީ ޕްރޮގްރާމް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ފަހުމުނާމާގެ ދަށުން ސިޓީތަކާއި އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކުގައި ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމްތައް އެކުލަވައިލުމާއި، އެ ޓީމްތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައިވެސް އެ ވުޒާރާއިން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.
ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ހަރުދަނާ ގޮތެއްގައި ވިލަރެސް ކުރުމަށްޓަކައި ދެ މުއައްސަސާގެ ފަރާތުންވެސް ފޯކަލް ޕޮއިންޓެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިވެ، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.