ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރަށް ހޮވުނު 350 ޒުވާނުން ތަމްރީން ހެދުމަށް ޅ.މާފިލާފުއްޓަށް ފުރައިފިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މިޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާ ޢިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރުގައި ފުރުސަތު ދީފައިވަނީ، މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލި ކުދިންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުން ކަމަށެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމަށް ކުރިމަތިލާފައިވާކަން ދިފާޢީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ޕްރޮގްރާމްގެ ތަމްރީނުތަކަށް ބައިވެރިން ހޮވުމުގެ މަރުޙަލާގައި، ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓުތައްވެސް ހަދާފައިވެއެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރަށް ހޮވުނު 350 ބައިވެރިން، ޅ. މާފިލާފުށީގައި 3 މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ ބަޔަކަށް ހެދުން ހިމެނެއެވެ.
މީގެއިތުރުން، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ދަސްވެނިވި 344 ޒުވާނުންގެ ތެރެއިން ބައެއް ބައިވެރިން މިހާރު އަންނަނީ ބ.ކިހާދޫގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.