ޚަބަރު

ރޯދަ ހަދިޔާ: އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅުކޭސް


  • މަސްދަޅުކޭސް ނަގަން ޓޯކަން ނެގޭނީ ރޯދަ ހަދިޔާ.އެމްވީ ޕޯޓަލް މެދުވެރިކޮށް

  • ކޮންމެ ފަރާތަކަށްވެސް ލިބޭނީ އެއްޓޯކަން

  • އެކަކުގެ އިތުރު ގޭބިސީތައް ހިމެނޭނަމަ، އެހެން ބޭފުޅެއްގެ އައިޑީ ބޭނުންކުރެވޭނެ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅުކޭސް ނެގުމުގައި އެއް އައިޑީކާޑު ބޭނުންކުރައްވައިގެން ނެންގެވޭނީ އެންމެ ގިނަވެސް ދެ މަސްދަޅުކޭސް ކަމަށް ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ، މަސްދަޅުކޭސްތައް ގޭބިސީތަކަށް ދޫކުރުމުގައި ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ އަހަރެއްގެ ރަމަޟާން މަހު ސަރުކާރުން ދަނީ ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ. މިފަހަރު ގޭބިސީތަކަށް ބަހާނީ 48 ދަޅު ހިމެނޭ ކޭސްތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރޯދަ ހަދިޔާ ބެހުމުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށެވެ.

އެގޮތުން ގިނަ ގެތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ކޭސްތައް ގޭގެ ވެރިން ނެގުމުގެ މައްސަލައަށް އާންމުންގެ ކަންބޮޑުވުންތައް އަމާޒުވެފައިވާތީ މި މައްސަލައަށް ޙައްލެއް ގެނައުމަށް މިއަހަރު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދިމާވެދާނެ މައްސަލައަކަށް ބަލައި މިއަހަރު، އެއް އައިޑީކާޑު ބޭނުންކޮށްގެން ނެގޭނީ ގިނަވެގެން ދެ ގޭބިސީއަކަށް ވާ މަސްދަޅުކޭސް ކަމަށް ވިދާޅުވިއެވެ.

" ފާހަގަކޮށްލަން ބޭނުން ކޮންމެ ގޭބިސީއަކަށް އެއް ކޭސް ލިބިވަޑައިގަންނަވާނީ. އަދި ކޮންމެ ބޭފުޅަކަށް އެއް އައިޑީކާޑު ބޭނުންކުރައްވައިގެން ނެންގެވޭނީ ދެ ގޭބީސީއަކަށްވާ އަދަދު. ދެން އެ އައިޑީ ބޭނުންކުރައްވައިގެން އެބޭފުޅަކަށް އިތުރު އެޕޮއިންޓްމެންޓެއް ނުއެއް ހެއްދެވޭނެ. މި ދެންނެވީ އިތުރު ޓޯކަންއެއް ލިބިވަޑައެއް ނުގަންނަވާނެ". ފަތުޙީ ވިދާޅުވިއެވެ.

ފަތުޙީ ވިދާޅުވީ، މަސްދަޅު ކޭސް ނެގުމަށް ރަޖިސްޓްރީކޮށް، ޓޯކަން ނެގުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި "ރޯދަ ހަދިޔާ.އެމްވީ" ޕޯޓަލް މެދުވެރިކޮށް މިހާރުވެސް ރައްޔިތުންނަށް ޓޯކަން ނެންގެވޭނެ ކަމަށް ވިދާޅުވިއެވެ. ފަތުޙީ ވިދާޅުވީ، 18 އަހަރު ފުރިފައިވާ ކޮންމެ ބޭފުޅަކަށްވެސް ޓޯކަން ނެންގެވުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

" މިސާލަކަށް ގޭގަ އުޅުއްވާ އެހެން ބޭފުޅެއްގެ އިތުރު ގޭބިސީތައް ހިމެނޭ ކަމުގައިވަންޏާ އެހެން ބޭފުޅެއްގެ އައިޑީ ބޭނުން ކުރައްވައިގެން ދެންހުރި މީޓަރުތަކަށް ނެގޭނެ". ފަތުޙީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލު ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.