ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ބަލިވުމުން ހިތްދަތިވެއްޖެ: ނައިޖީރިއާ ކޯޗު


ޕެނަލްޓީ ޖަހައިގެން ބަލިވުމަކީ ހިތްދަތި ކަމެއް ކަމަށާއި ކުރީގެ މެޗުތަކަށްވުރެ ސެމީ ފައިނަލުގައި ނައިޖީރިއާގެ ކުޅުން ދަށް ކަމަށް އެ ޓީމުން ބުނެފި އެވެ.

ނައިޖީރިއާ ފައިނަލަށް ނުގޮސް ކެޓީ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅެ މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2އިންނެވެ.

މިއަށް ފަހު ކޯޗު އެރިކް ޗެއްލޭ ބުނީ މެޗަކީ އުނދަގޫ މެޗެއް ކަމަށެވެ.

"ނަފްސާނީ ގޮތުން ކުޅުންތެރިން އެ މީހުންގެ މެޗަށް ތައްޔާރު ވެފައިވާ މިންވަރު ރަނގަޅުކަން ދެއްކި. ކޮންމެ ބޯޅަ އަކަށް އެ މީހުން މަސައްކަތް ކުރި. މި ގޮތަށް ޕެނަލްޓީ ޖަހައިގެން ބަލިވުމަކީ ވަރަށް ހިތްދަތި ކަމެއް. ސަބަބަކީ އެ ވަރަށް މަސައްކަތްކޮށްފައިވާތީވެ. ހަމައެކަނި މި މެޗުގައި އެކަންޏެއްނޫން. މުޅި މުބާރާތުގައި ވެސް،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ޓެކްނިކަލް ގޮތުން ބަލާއިރު ކުރިން ކުޅެފައިވާ މެޗުތަކަށްވުރެ ނައިޖީރިއާގެ ކުޅުން ދަށް ކަމަށެވެ. އެހެންވީ އަވަސް އަވަހަށް ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރުބަލވެގެން ކަމަށް ބުނަން ބޭނުން ނުވާ ކަމަށެވެ.

"މި މެޗަކީ ހަގީގަތުގައި ވަރަށް އުނދަގޫ މެޗެއް. ވަރަށް ބޮޑަށް ޕްރެސް ކޮށްގެން އަހަރުމެން ކުޅުނީ. ސަބަބަކަށްވީ ޕްރެސް ނުކުރާނަމަ މޮރޮކޯ ޓީމަށް ޖާގަތަކެއް ލިބޭތީވެ. ޓެކްނިކަލީ މި މެޗުގެ ކުޅުން އެހެން މެޗުތަކަށްވުރެ ދަށް. އަހަރެން ބުނާކަށް ނެތިން އެއީ ވަރުބަލި ކަމުގެ ސަބަބުންނޭ. އެކަމަކު ހަގީގަތަކީ އަހަރުމެން ކުރީގެ މެޗުތަކުގައި ކުރި ބައެއް ކަންކަން ނުކުރެވި ދިޔަކަން،" ކޯޗު ބުންޏެވެ.

އަމިއްލަ ކުރިމަގާމެދު ކޯޗު ބުނީ އެކަން އޮތީ ނައިޖީރިއާގެ ފެޑަރޭޝަނުގެ އަތްމަތީގައި ކަމަށެވެ.