އެމެރިކާގެ ޚާއްޞަ މަންދޫބުން ކީވްއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އެ ސިޓީއަށް ހަމަލާދިނުން 3 ދުވަހަށް މެދުކަނޑާލަން ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިން އަމުރުކުރައްވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނަރާއި ސްޓީވް ވިޓްކޮފް ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އެ ސިޓީއަށް ހަމަލާދިނުން ތިން ދުވަހަށް މެދުކަނޑާލުމަށް ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިން އަމުރުކުރައްވައިފިއެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ހާމަކުރެއްވި ގޮތުގައި، މިރޭ މެންދަމު 12:00 އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ކީވްއަށް އެއްވެސް ސީދާ ހަމަލާއެއް ނުދިނުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް މިހާރު ވަނީ އަންގަވާފައެވެ.
އެމެރިކާގެ މަންދޫބުންގެ މި ދަތުރުފުޅަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއިން އެކުލަވާލާފައިވާ އައު ހުށަހެޅުމަކައިގެން ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މޮސްކޯގެ ވްނުކޯވޯ އެއާޕޯޓަށް މަންދޫބުން ވަޑައިގަތުމުން، އެބޭފުޅުންނަށް މަރުޙަބާ ދެންނެވީ ރަޝިއާގެ ރައީސްގެ ޚާއްޞަ މަންދޫބު ކިރިލް ދިމީތުރިއޭވްއެވެ. މޮސްކޯގައި ބާއްވާ މަޝްވަރާތަކަށްފަހު، އެމެރިކާގެ ވަފުދު އާދީއްތަ ދުވަހު ކީވްއަށް ވަޑައިގަންނަވާނެކަން ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ވިޓްކޮފް އަދި ކުޝްނަރަކީ އެމެރިކާ މެދުވެރިވެގެން ފެށި ސުލްޙައިގެ މަޝްވަރާތަކުގައި މީގެ ކުރިންވެސް މޮސްކޯއަށް އެކި ފަހަރު މަތިން ވަޑައިގެންފައިވާ ބޭފުޅުންނެވެ. އެގޮތުން މިދިޔަ ޖަނަވަރީ 22 ގައި އެބޭފުޅުން މޮސްކޯއަށް ވަޑައިގެން ރައީސް ޕުޓިންއާ ބައްދަލުކުރެއްވި ނަމަވެސް، މިއީ އެ ވަފުދުން ޔޫކްރެއިންގެ ވެރިރަށަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ހަމައެކަނި އާދައިގެ ވާހަކަތަކެއް ދެއްކުމަށް ކުރައްވާ ދަތުރުފުޅެއް ނޫނެވެ. އޭގެ ބަދަލުގައި އެބޭފުޅުން ވަޑައިގަންނަވަނީ ހަނގުރާމަ އެއްކޮށް ނިންމާލެވިދާނެ ފަދަ ޢަމަލީ އަދި ސީދާ ހައްލުތަކެއް ހިމެނޭ ހުށަހެޅުމަކާއިގެންނެވެ. ހަމައެއާއެކު، ހަނގުރާމަ ހުއްޓުވުމުގައި މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ޕުޓިންއާއި ރައީސް ޒެލެންސްކީގެ ދެމެދުގައި އޮތް ޒާތީ ޚިޔާލުތަފާތުވުންތަކާއި ނަފުރަތު ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އެމެރިކާ އިސްނަގައިގެން އަބޫދާބީ އަދި ޖެނީވާގައި ސުލްޙައިގެ މަޝްވަރާތަކުގެ ތިން ބުރެއް ފެބްރުއަރީ މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނުގެ މަސްރަޙު ގޯސްވެ ހަނގުރާމަ ފެށުމާއެކު، އެމެރިކާގެ އަހަންމިއްޔަތު އެވަގުތަށް ބަދަލަވެ އެ މަޝްވަރާތައް އޮތީ މެދުކެނޑިފައެވެ. އެހެންނަމަވެސް، މި ފަހަރުގެ ދަތުރުފުޅާއެކު ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ވާސިލުވުމުގެ ފުރުޞަތު ބޮޑު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.