އިންޖިނިއަރިންގ ދުވަސް ފާހަގަކުރުމަށް އެފަދަ މަސައްކަތްތައް ކުރިއަށްގެންދާ ސައިޓުތަކަށް ސްކޫލު ދަރިވަރުން ޒިޔާރަތްކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ސްކޫލު ކުދިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ރާއްޖޭގެ 164 ސްކޫލުން ބައިވެރިވިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިސްނައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން މާލެއާއި އަތޮޅުތަކުގައިވެސް ވަނީ، ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޖުމުލަ 164 ސްކޫލަކުން ދަރިވަރުން ބައިވެރިވިއެވެ.
ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދުވަސް ފާހަގަކުރަނީ، އޮގަސްޓު މަހުގެ 3ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށިތާ މިއީ ދެވަނަ އަހަރެވެ. މިއަހަރު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާ، ސަރުކާރުން ގެންދަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ސްކޫލު ކުދިންނަށް ކުރިއަށްގެންދިޔަ ހަރަކާތްތައް މާލޭގެ އިތުރުން ހުރިހާ އަތޮޅެއްގައިވެސް ބޭއްވިއެވެ.
މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ސީއެޗްއެސްސީގެ ދަރިވަރުންނާއި މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް ވަނީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކާލާފައެވެ. އަދި އިންޖިނިއަރިންގެ މި ބޮޑު މަޝްރޫޢާ ގުޅޭ ޓެކްނިކަލް މަޢުލޫމާތު ޙިއްސާކޮށް، ބުރިޖުގެ މަސައްކަތު ސައިޓުތައް ބަލާލުމުގެ ފުރުޞަތު ދީފައިވެއެވެ. މި ހަރަކާތުގައި 45 ދަރިވަރުން ބައިވެރިވިއެވެ.
މީގެއިތުރުން މާލެއާއި އަތޮޅުތަކުގެ އެކިއެކި ސްކޫލުތަކުގެ ދަރިވަރުންނަށް ވަނީ، ޔުޓިލިޓީ ކުންފުނިތަކުން ޚިދުމަތްތައް ރާވާ ކުރިއަށްގެންދާ ގޮތުގެ މަޢުލޫމާތު ދީފައެވެ. އަދި އިންޖިނިއަރިންގެ ދާއިރާގެ ވަޒީފާތަކާއި، މަސައްކަތްތައް ކުރިއަށްދާ ގޮތް ކިޔައިދީ އޮޕަރޭޝަންތައް ކުރިޔަށްދާ ގޮތް ދައްކާލިއެވެ. މި ހަރަކާތުގައި ދަރިވަރުން ވަނީ، ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ.
ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވި މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި ދާއިރާތަކަށް ޝައުޤުވެރިކުރުވާ، މިފަދަ ދާއިރާތަކުން ދިވެހިން ބިނާކުރުމަށް ބާރުއެޅުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްގެންދެވުނު ސައިޓް ވިޒިޓްތަކުގެ ތެރެއިން#MvEngineersDay pic.twitter.com/2nUYdm6niJ
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 5, 2026
މި އަހަރުގެ އިންޖިނިއަރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޖިނޭރުންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދާއިރާގެ މަސައްކަތްތަކާއި، ހަރަކާތްތެރިވާ އިންޖިނިއަރުންގެ ވާހަކަތައް މީޑިއާތައް މެދުވެރިކޮށް ވަނީ ގެނެސްދީފައެވެ.
މީގެއިތުރުން މި ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތިލަމާލެ ބުރިޖުގައި ވަނީ ހިނގާލުމެއްވެސް ބާއްވާފައެވެ. އެމަނިކުފާނު ވަނީ، ރާއްޖޭގައި އިންޖިނިއަރިން ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން އިންޖިނިއަރުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
އަދި ރާއްޖޭގައި ސްޓޭޓް އޮފް ދި އަރޓް އިންޖިނިއަރިން ލެބެއްވެސް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިއީ، ރާއްޖޭގެ ތަރައްޤީއަށް ދިރާސާކުރުމާއި، މި ރާއްޖޭގައި މިދާއިރާއިން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަން ނިންމާފައިވާ މަސައްކަތެކެވެ.