ޚަބަރު

ބާޒާރުމަތީ މަގު ހެދުން: ރޯދައިގެ ކުރިން މަސައްކަތް ނިމޭނެ


  • ދެވަނަ ފިޔަވަހި ފެބުރުވަރީ 15ގެ ކުރިން ނިންމަން ދަނީ މަސައްކަތް ކުރަމުން

  • ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި މިހާރުވަނީ ނިމިފައި

  • ޝީޓްޕައިލް ކުރުމުގެ %50 މަސައްކަތް 3 ދުވަސް ތެރޭ ނިމޭނެ

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތަށް ރޯދައިގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެ މަސައްކަތް ކުރައްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެބްރުއަރީ 15ގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޝަރުވަސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޝީޓްޕައިލް ކުރުމުގެ 50 އިންސައްތަ މަސައްކަތް ކުރިއަށް އޮތް 3 ދުވަސް ތެރޭ އެއްކޮށް ނިމޭނެ ކަމަށެވެ. އަދި ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާކަން ޝަރުވަސް ފާހަގަކުރެއްވިއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީީސީން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.