މެޗު ނިމެން 12 މިނިޓަވެފައި ހުއްޓާ ސެނެގާލްގެ ސާދިއޯ މާނޭ ޖެހި ހަމައެކަނި ލަނޑުން އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން މިސުރުގެ މުހައްމަދު ސަލާހް ކުރަމުންދިޔަ އުއްމީދުތައް ފުނޑުފުނޑުވެއްޖެ އެވެ.
މޮރޮކޯގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގައި ކުޅުމުގެ ފުރުސަތު މިސުރަށް ގެއްލުނުއިރު މި މެޗުގައި ސަލާހްގެ ފުށުން އެކަށީގެންވާ ކުޅުމެއް ވެސް ނުފެނުނެވެ. އޭގެ ބަދަލުގައި މާނޭ ވަނީ އަދިވެސް އޭނާ އަކީ ގައުމީ ޓީމުން ޖާގަ ހައްގު މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ.
ލިވަޕޫލަށް އެއްކޮށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދި މާނޭ އާއި ސަލާހްގެ ވާދަވެރިކަމުގައި މި މުބާރާތުގައި މީގެ ކުރިން ވެސް ކުރި ހޯދީ މިހާރު ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ މާނޭ އެވެ.
ނަމަވެސް މި ފަހަރުގެ ބައްޔަކީ ސަލާހަށް މި މުބާރާތް ކާމިޔާބު ކުރަން ލިބޭނެ ފަހު ފުރުސަތަށް ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. އުމުރުން މިހާރު 33 އަހަރުގެ ފޯވަޑް ކުޅުން ހުއްޓާނުލާނަމަ ފަހަރުގައި 2027 ވަނަ އަހަރު އޮންނަ މުބާރާތުގައި އޭނާ ފެނިދާނެ އެވެ. އެކަމަކު އޭގެ ފަހުން އެފްރިކާ ކަޕް ކުޅެން ނިންމާފައިވަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ.
"މިއީ އަހަރެން އެންމެ ބޭނުންވާ ތަށި. މި މުބާރާތް ކާމިޔާބު ކުރުން އަހަރެންގެ އުއްމީދަކީ،" ކުއާޓާ ފައިނަލުގައި އައިވަރީ ކޯސްޓް އަތުން މޮޅުވެ ސެމީ ފައިނަލަށް ދިޔަ މެޗަށް ފަހު ސަލާހް ބުންޏެވެ.
ސަލާހަށް ވަނީ މި މުބާރާތުގެ ފައިނަލްގައި ކުޅެ ދެ ފަހަރު ތަށި ގެއްލިފަ އެވެ. އެއީ 2017 ވަނަ އަހަރާއި 2021 ވަނަ އަހަރު އެވެ. އަމިއްލަ ގައުމުގައި މުބާރާތް ކުޅުނު 2019 ވަނަ އަހަރު އޭނާގެ އުއްމީދުތައް ވިއްސިވިހާލިވީ ގަދަ 16އިން މިސުރު ކެޓުމުންނެވެ.
މި މެޗުގައި ދެއްކި ކާޑުތަކާއެކު ސެނެގާލްގެ ކެޕްޓަން ހާދިގޫ ކުލިބާލޭ އާއި މިޑްފީލްދަރު ހަބީބް ދިއާރާ އަށް ދެ ކާޑު ހަމަވެ ފައިނަލް މެޗުގައި ނުކުޅެވޭނެ އެވެ.