ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
އެމްއޭސީއެލުން ވިދާޅުވީ ފޭސް 3 ހިއްކުމުގެ 87 އިންސައްތަ ނިމިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން، ފާއިތުވި 6 ދުވަހުގެ ތެރޭގައި އެކަނިވެސް 6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިއާއެކު މި މަޝްރޫއުގެ ދަށުން މިހާތަަނަށް 55 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، މިއީ މުޅި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތެވެ. ހުޅުމާލޭ ފޭސް ތިނަކުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ. އަދި އިތުރު ދަތިތަކެއް ކުރިމަތި ނުވާނަމަ، ސަރުކާރުން މިހާރު ލަފާކޮށްފައިވާ ސުންގަޑިއަށް މިމަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއޭސީއެލްއިންވެސް ފާހަގަކުރެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ފެށި މި މަސައްކަތް އެކި ސަބަބުތަކާހުރެ މެދުކެނޑިފައި އޮތުމަށްފަހު، އަލުން ބާރުސްޕީޑުގައި ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މަސައްކަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، 'ބިންވެރިޔާ' ސްކީމުގެ ދަށުން މި ސަރަހައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން 7 ތަފާތު ސައިޒެއްގެ ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން މިސްރާބު ޖަހާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.