ރާއްޖޭގައި އޮތް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރަން ޤާނޫނީ ގޮތުން ބަދަލުތަކެއް ގެންނަން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ވަނީ، ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން އަހުލުވެރި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށްވެސް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން އަހުލުވެރި ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އަދި އޭރު ކުރި މަސައްކަތްތަކުގެ ފައިދާވެސް ފެނިފައިވާ ކަމަށެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބުތައް ބޭއްވުމުގެ އިތުރުން ކޮމިޝަނާއި މަތިކޮށްފައިވާ އަނެއް ޒިންމާއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ މަސައްކަތް ކަމަށެވެ.
އަދި މިމަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އީސީން މިހާރު ނިންމާފައިވާ ކަމަށެވެ. އީސީގެ ރައީސް ވިދާޅުވީ, އެކޮމިޝަނުން މަސައްކަތް ރާވާފައިވަނީ، ދެ މަރުހަލާއެއްގެ ދަށުން އެއްފަހަރާ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ޤައުމީ ފެންވަރުގައި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާއިރު، ރަށު ފެންވަރުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން މިހެން ގޮސް ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީސް ހިމެނޭހެން އެކުގައި މަސައްކަތްކޮށް، ސިޔާސަތުތަކާއި ޤާނޫނުތަކަށް ބަދަލު ގެނެސް، ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް އަޅުގަނޑުމެން މެކްރޯ ލެވެލްއެއްގައި ކުަރަނީ." އީސީގެ ރައީސް ވިދާޅުވިއެވެ.
މިމަސައްކަތާއިއެކު ރަށު ކައުންސިލާއި، އަތޮޅު ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. އީސީގެ ރައީސް ވިދާޅުވީ، ރަށްރަށުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގާއިރު، ރަށަށް ފައިދާވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަކީ ރަށްރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމަށް ހިންގާ ސެޝަންތަކުގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުންވެސް ސިޔާސީ ހަރަކާތްތައް ހިންގުމުގައި އަބުރަށް އަރައިގަތުން ފަދަ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުުރައްވާނެ ކަމަށްވެސް އީސީގެ ރައީސް ވިދާޅުވިއެވެ.
"ބައެއް ފަހަރު ހީވާ ކަހަލަ ސިޔާސީ މަސައްކަތަކީ، އެކަނި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކޭ. އެމީހަކު ތާޢީދު ކުރާ ޕާޓީއަކަށް ވޯޓު ހޯދުމަށް ކުރާ މަސައްކަތެކޭ. ތިމާއަށް ތާޢީދު ހޯދުމަށް ދެން ހުންނަ މީހާގެ އަބުރު ކަތިލާ ރައްޔިތުންގެ މެދުގައި އެމީހަކާއި ދޭތެރޭގައި ނަފްރަތާއި، ރުޅިވެރިކަން އުފައްދައިގެންނޭ ތިމަންނައަށް ތާޢީދު ހޯދޭނީ. މިކަހަލަ ވިސްނުންތަކެއް އަންނަ ވާހަކަ މީޑިއާތަކުގައި ދެކެވޭ ވާހަކަތަކުން ފާހަގަކުރެވޭ. " އީސީގެ ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، ދުނިޔޭގެ ޤައުމުތަކުގައި ވެރިކަން ހިންގުމުގެ ނިޒާމަށް ބަލާއިރު އެންމެ ރަނގަޅު އެއް ނިޒާމަކީ، މަލްޓިޕާޓީ ނިޒާމުކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގައި މިހާރު ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މަސައްކަތް ކުރާއިރު، ނިޒާމީ ގޮތުން ހަރުދަނާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.