ޚަބަރު

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް

  • މީގެ ސަބަބުން ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވާނެ

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

އެ ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚީދުމަތް ފެށުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވ. މީގެއިތުރުން މިރަސްމިއްޔާތުގައި އެރަށު ރައްޔިތުންވެސް ބައިވެރިވިއެވެ.

ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން އުކުޅަހު ރައްޔިތުންވެސް ދާންޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

މީގެ އިތުރުން، އޭގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ މައްސަލަތައް ފަދަ ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްވެސް މި ލެބޯޓްރީގެ ސަބަބުން މަގުފަހި ވެގެންދާނެއެވެ.

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.