ޚަބަރު

މިމަހު މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


  • ޖުމްލަ 1.5 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައި

  • ޗައިނާއިން 2 ލައްކަ ފަތުރުވެރިން އައިސްފައިވޭ

މިމަހު މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެންބަރުމަހުގެ ފުރަތަމަ 22 ދުވަހުގެތެރޭގައި ރާއްޖެއަށް ވަނީ 105,182 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 107,690 ފަތުރުވެރިންނާ އަޅާ ބަލާއިރު %2 ދަށް އަދަދެކެވެ. އަދި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް

ޗައިނާ: 287,075 ފަތުރުވެރިން
ރަޝިއާ: 224,031 ފަތުރުވެރިން
އިނގިރޭސިވިލާތުުން: 117,649 ފަތުރުވެރިން

މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި މިހާތަނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ފަތުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް ކުރިމަތިވި ޙާލަތަކީ ދުނިޔޭގެ ސިނާއަތްތަކަށް އައި ބަދަލަކަށްވުމާއެކު، ވަރަށް ގިނަ ކަންތައްތަކަކީ އަމިއްލަ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތައް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އެގޭ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއަރލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.