ކުރީގެ ދިވެހި ފިލްމު ޑައިރެކްޓަރ އަބްދުލްފައްތާހުގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.
ފައްތާހު ނިޔާވީ ކުއްލިއަކަށް މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހިގެން ފުރަތަމަ މަސައްކަތް ކުރީ ކުޅުދުއްފުށްޓަށް ގެންދިއުމަށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން އިތުރު ފަރުވާއަށް ދިއްދޫއަށް ގެންދިޔައެވެ.
ޕީއެސްއެމް ނިއުސްއާ މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، ފައްތާހު ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށްކަމަށެވެ.
ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރުކަމުގައިވާ ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ. އޭނާއަށް ވަނީ 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި 2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވަނީ ނިބިފައެވެ. އޭނާ ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ހޯދާފައެވެ.