ޚަބަރު

ދޫކޮށްފައިހުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުން 3 މަސް ތެރޭގައި ނިމޭނެ


  • ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ވިދާޅުވި

  • ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުން އަންނަ މަސްތެރޭ ނިމޭނެ

ގުޅީފަޅުން އަދި ގިރާވަރުވަޅުން މިހާތަނަށް ބިން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭ ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްްގައި ކުރިއަށްދާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަަކާ ގުޅޭގޮތުން "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގައި ޒުވާނެއް ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭ 3ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން އަވަސްކުރުމަށް 2 ޑްރެޖަރު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި، ބިން ހިއްކާ ނިމޭއިރަށް ގިރާވަރުފަޅު ހިއްކުމަށް މި ޑްރެޖަރުތައް ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަންނަ މަސްތެރޭގައި މި މަސައްކަތް ފެށިގެންދާނެ. މިހާރު އެސްޓިމޭޓްކުރަނީ ތިން މަސްދުވަހުގެ ތެރޭގައި މިހާރު ގޯތި ދީފަ، ނުހިކި ހުރި ހުރިހާ ސަރަހައްދެއް ހިއްކާ ނިންމާލުން. އޭގެ މާނައަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ހުރިހައި ސަރަހައްދެއް އެއްކޮށް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދީ އެކި ބޭނުންތަކަށް ގުޅީފަޅުން އަދިވެސް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.