ސަރުކާރުން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް މިލިޔަނަކަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާތުން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 1 މިލިޔަން ގަސް އިންދާފައިވެއެވެ. އަދި އަންނަ އަހަރު އިތުރު ގަސްތައް އިންދާނެކަން ފާހަގަކުރައްވާ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 2 ހައިވަކަރު ގަސް މިހާރު އިންދާފައިވާކަމަށެވެ.
5 މިލިޔަން ގަސް އިންދިމުގެ ޕްރޮގްރާމްގެ ތެރެއިން މިއަހަރުގެ ނިޔަލަށް މިލިޔަނަކަށްވުރެ ގަސް އިންދޭނެކަމަށް ވަޒީރު ތާރިޤު އިބްރާހިމްވަނީ މީގެކުރިން ވިދާޅުވެފައެވެ.
މި ޕްރޮގްރާމް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވަނީ މިއަހަރުތެރޭވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ވަނީ ތައްޔާރުވެފައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
We are proud to have planted 1 million trees nationwide and delivered multiple achievements under the 5 Million Trees program.#5MillionTreesMv pic.twitter.com/G4EHikw5JU
— Ministry of Tourism and Environment (@MoTmv) December 18, 2025
ރޯސްވުޑް: 1،478،244 ގަސް
އެޗްޑީސީ: 1،000،000 ގަސް
އެމްޕީއެލް: 1،000،000 ގަސް
އެސްޑީއެމް ފާމް: 750،000 ގަސް
ސްޓެލްކޯ: 600،000 ގަސް
އާރްސީއެލް: 500،000 ގަސް
އެހެނިހެން: 1،081،150 ގަސް
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ.