މިރޭ ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވާނެ ގޮތަށް ފީފާއިން ނިންމައިފި އެވެ.
ދުނިޔޭގް ފުޓްބޯޅަ ޖަމިއްޔާ އިން މި ގޮތަށް ނިންމީ އެ ޖަމާއަތުން ފުރަތަމަ ފަހަރަށް ސުލްހައިގެ އިނާމް ދޭން ނިންމައި، އެ އިނާމް ލިބޭނެ ފަރާތަކީ ޓްރަމްޕް ކަމަށް ނިންމެވުމަށް ފަހު ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.
އެމެރިކާގެ ވޮޝިންގްޓަނުގެ ކެނެޑީ ސެންޓަރުގައި މިރޭ 10 ޖަހާއިރު އޮންނަ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ އޮންނާނީ ވެސް ސުލްހައިގެ އިނާމް ދިނުމެވެ. ޓްރަމްޕް ވާހަކަ ދައްކަވާނީ މި އިނާމް ލިބިގަތުމަށްފަހު އެވެ.
މި ރަސްމިއްޔާތުގައި މުބާރާތް ބާއްވާ އަނެއް ދެ ގައުމު ކަމަށްވާ ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނޭ އާއި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ. ނަމަވެސް އެމެރިކާއާއާ އޮތް ގުޅުން ރަނގަޅު ނުވާތީވެ، ޝެއިންބައުމް ރަސްމިއްޔާތުގައި މަޑުކުރައްވާނީ މެކްސިކޯގެ ގްރޫޕްގައި ކުޅޭ ޓީމުތައް ކަށަވަރު ވަންދެން އެކަންޏެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދޭން ނިންމާފައިވާ ސުލްހައިގެ އިނާމާ ގުޅިގެން ފީފާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ގިނަ ބަޔަކު ދެކެނީ މިއީ ސީދާ ޓްރަމްޕަށް އަމާޒުކޮށް ތައާރަފްކުރި އެވޯޑެއް ކަމަށެވެ. އެއީ ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ނޯބަލް ސުލްހައިގެ އިނާމް ޓްރަމްޕަށް ނުލިބުމުން އެކަން އޮއްބާލަން ކުރާ ކަމެއް ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެކި ސަބަބުތަކާހުރެ ބައިބައިވެފައިވާ ކަންކަން ހައްލުކޮށް، މުޅި ދުނިޔެ އެކަތިގަނޑަކަށް ހަދައި ހަމަޖެހުން ގެނުވުމަށް ފުޓްބޯޅައިގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ފީފާ އަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
މިއާއެކު ވިދާޅުވީ ޓްރަމްޕަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ފީފާގެ ކޮންމެ ކަމެއްގައި ވެސް ޓްރަމްޕްގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
ޓްރަމްޕް ރުއްސުމަށް އިންފަންޓީނޯ ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ޓްރަމްޕްގެ އަމިއްލަ ޓަވަރުގައި ވޯލްޑް ކަޕަށް ހާއްސަކޮށް ފީފާގެ އޮފީހެއް ހުޅުވުމެވެ.
ވޯލްޑް ކަޕް ބާއްވާ ގައުމުގައި ފީފާއިން މީގެ ކުރިން ހުޅުވަމުންދިޔައީ އެންމެ އޮފީހެކެވެ. ނަމަވެސް ޓްރަމްޕާ ޖެހުމުން އެކަން ބަދަލުކޮށް އެމެރިކާގައި ދެ ވަނަ އޮފީހެއް ޓްރަމްޕް ޓަވަރުގައި ހުޅުވުން އިންފަންޓީނޯ ވަރަށް ބޮޑަށް ދިފާއު ކުރެއްވި އެވެ.
ޓްރަމްޕް ރުއްސުމަށް އިންފަންޓީނޯ ދާދި ފަހުން ކުރެއްވި ކަމަކީ ފީފާ ވޯލްޑް ކަޕާ ދިމާކޮށް 100 މިލިއަން ޑޮލަރު ހޭދަކުރާ ގޮތަށް ހުޅުވި އެޑިއުކޭޝަނަލް ފަންޑުގެ މެމްބަރެއްގެ ގޮތުގައި އޭނާގެ ދަރިކަލުން އިވާންކާ ޓްރަމްޕް ހަމަޖެއްސެވުމެވެ.