ޚަބަރު

އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުން: ވަޒީރު ޑރ. ޝަހީމް


  • ދިއްދޫގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށްވެސް ފައިދާ ކުރުނަވި މަރުކަޒަކަށް ވާނެކަމަށް ވަޒީރު ވިދާޅުވި

  • އިސްލާމީ މަރުކަޒު ވާނީ މުހިންމު ޢިލްމީ މުއައްސަސާއަކަށް

ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒަކީ ދިއްދޫގެ އިތުރުން އަތޮޅުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރު ފަތުރާ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިއްދޫގައި ތަރައްޤީ ކުރި އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒަކީ އަތޮޅުތަކުގައި ހުޅުވި 3 ވަނަ މަރުކަޒެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒު ވާނީ މުހިއްމު ޢިލްމީ މުއައްސަސާއަކަށްކަމަށެވެ. އެ މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމާފައިވާ މަޝްރޫޢުއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ އިސްލާމީ މަރުކަޒުގައި ލައިބްރަރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިވެސް ހުޅުވާފައިވާކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މި އިސްލާމީ މަރުކަޒަކީ އެ ރަށުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އިސްލާމީ ނޫރު އެތަނުން ފަތުރާ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ދިއްދޫގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށްވެސް ފައިދާ ކުރުނަވި މަރުކަޒަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ މިހެން ހުރި މަޝްރޫޢުތައް ނިންމުމަށް. މިތަންތަނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މިތަންތަން ނިންމުމުގެ ބެނުމަކީ މިތަންތަން މެދުވެރިކޮށް އިސްލާމީ ޢިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ތަރައްޤީކޮށްފައިވާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ޚާއްސަ ޕްރޮގްރާމްތައް ގެންދަވާނެކަމަށާއި އިމާމުން ތަމްރީންކުރުންފަދަ އެކި ޕްރޮގްރާމްތައް އެ ވުޒާރާއިންވެސް ކުރިއަށްގެންދާނެކަމަށެވެ.

ޖަލްސާ ކުރާ މާލަމުގައި އިސްލާމީ ކަންކަމުގެ އިތުރުން ޚާއްސަ ކޮންޕަރެންސް ފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ ތަނަކަށް ވާނެކަމަށާއި އިސްލާމީ މަރުކަޒުގެ ކަރާމަތަށް އުނިކަން ނާންނަ ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް 10 މަރުކަޒެއް ތަރައްޤީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް ބައެއް މަރުކަޒުތަކުގެ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އައްޑޫސިޓީގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒު އަންނަ އަހަރު ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދުވެސް ވަނީ ދިއްދޫ އިސްލާމީ މަރުކަޒަކީ ދިއްދޫގެ ރައްޔިތުންނާއި އެ އަތޮޅުގެ ރައްޔިތުންނަށް ދީނީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ މި ރަށުގެ ރައްޔިތުންނައި އަތޮޅުގެ ރައްޔިތުން އަދި މުޅި ރާއްޖޭގައިވެސް ބާއްވާ ދީނީ ބައެއް ކަންކަން މި މަރުކަޒުގައި ބޭއްވިގެންދާނެ. މި މަސައްކަތް ނިންމާދީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރެއްވި." ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި 2 ސެމިނަރ ރޫމާއި އޮފީސް ޖާގައެއްވެސް ވަނީ ހިމަނާފައެވެ. މި އިސްލާމީ މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ.