އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫ.އެން.ޖީ.އޭ 81) ގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު ނިއުޔޯކަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ޙަފްލާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވާ ހޮނިހިރު ދުވަހުއެވެ.