މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތަރިކައިން އާމްދަނީ ހޯދުމާއި، ތަރިކަ އެއީ ތަޖުރިބާކުރެވޭ އެއްޗެއްގެ ގޮތުގައި ހެދުމަށް މުހިންމު މަސައްކަތްތަކެއް މި 2 އަހަރުގެ ތެރޭގައި ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްގެ "ހަފުތާ 104" ޕްރޮގްރާމުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައިގެ ދާއިރާއިން ފާއިތުވި 2 އަހަރު ކުރެވުނު މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ޢިލްމީ ނަޒަރަކުން ދިވެހީންގެ އަސްލުތަކަށް ބެލުމަށްޓަކާ މުހިންމު ދިރާސާތަކެއްގެ މަސައްކަތް ފުރަތަމަ އަހަރުގެ ތެރޭގައި ފެށިފައިވާކަމަށެވެ. އަދި މި ދިރާސާތަކުގެ ޢަލީގައި ތައްޔާރުކުރަންޖެހޭ ފްރޭމްވޯކްތަކުގެ މަސައްކަތް އެ ވުޒާރާއިން މިހާރު ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ތަރިކައަށް ދެވޭ ގަދަރާއި އިޙްތިރާމް އިތުރުކޮށް، އެތަކެތީގެ އަގުކުރަން ދަސްކޮށްދިނުމަށްޓަކާ މިއަހަރުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. މިގޮތުން މާލޭ ސަރަޙައްދުގައި ތަރައްޤީކުރާ އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން އީޖާދީ ވިސްނުންތަކާ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީޚާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްޤީކުރާ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުވާލާއި ރޭގަނޑުވެސް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ މިފަދަ ކޮންސެޕްޓަކަށް ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ތަނެވެ.
މި އިންޓްރެކްޓިވް ޕާކު ކުރެހުންތަކާއި ޑިޒައިންތަކުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ޖެނުއަރީމަސް ފެށުމުގެ ކުރިން އެތަނުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގައި ޑިޖިޓަލް ބައި ވަރަށް ބޮޑަށް ހިމެނިފައި އޮންނާނެ. އަދި ދިވެހިންގެ ފެންނަން މިއޮތް ތާރީޚުގެ މުޅި ވާހަކަ މިތަނުން ތަޖުރިބާކޮށްލެވޭނެ. މިތަނަށްވެސް ބޭރުގެ ފަރާތްތަކާއި ދިވެހިންނަށްވެސް ވަދެވޭނީ ކޮންމެވެސް އަގެއް ދައްކާފައި. އެކަށީގެންވާ ބޮޑު އާމްދަނީއެއް އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް ނިމުނީމަ ދިވެހި ދައުލަތަށް މި ތަރިކަތައް މެދުވެރިކޮށް ލިބޭނެ." ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ހުރި ދުވަސްވީ އާސާރުތަކާއި ތަރިކަތައް ހިމާޔަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހއ. އުތީމު، ބާރަށް އަދި ތަކަންދޫ ހިމެނޭހެން "ޣާޒީ ރަދުން" ގެ އަސަރުތައް ދިރުވައި ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިތަންތަން ބިނާކުރެވިގެންދާނީ އެތަންތަނަށް އެ ގެންނަ ބަދަލުތަކާ އެކީގައި އެތަންތަނުން މުހިންމު ހަނދާންތަކަކާއި ވާހަކަތަކެއް ބުނެދޭ، އަދި ރަނގަޅު އާމްދަނީއެއްވެސް ހޯދޭނެ ވަސީލަތްތަކެއްގެ ގޮތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.