މި ދައުރުގެ ތެރޭގައި މިހާރު މަސައްކަތްފަށާފައިވާ ފުލުހުންގެ އިމާރާތްތައް ނިންމާ ޤައުމީ ސަލާމަތަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފުލުހުން ދޭން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުން ފާހަގަކުރުމަށާއި، ރ. އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ބޭއްވިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މި ސަރުކާރު ހަވާލުވުމުގެ ކުރިން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުންގޮސްފައިވަނީ 121 ރަށުގައި ކަމަށާއި އޭގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެމުން އައީ 17 ރަށެއްގައި ހުރި މަރުކަޒުތަކުގައިކަމަށެވެ. އަދި ދެން ހުރި ރަށްރަށުގައި ޚިދުމަތް ދެމުންދިޔަ މަރުކަޒުތަކަކީ އެންމެ އެކަށީގެންވާ ގޮތުގައި ޖާގައާއި ވަޞީލަތްތައް ނެތް މަރުކަޒުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އާއިލާތަކާ ދުުރުގައި ފުލުހުން ޚިދުމަތް ދެމުން އަންނައިރު ފުލުހުންނަށް ދިިރުއުޅޭނެ ތަންތަން ނެތްކަންވެސް ފާހަގަކުރެއްވިއެވެ.
"ފުލުހުން ޚިދުމަތް ދެމުން އައީ ތަކުލީފުގައި. ޚިދުމަތް ދެމުން އައީ ވޭނާއި އެކިއެކި އިޙްސާސަތައް ފޮރުވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ވިސްނުމުގައި. ފުލުހުން ޚިދުމަތް ކުރަމުން އައީ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމީ ދިވެހި ފުލުހުންގެ ޚިދުމަތް އިސްކޮށްގެން. މިއަދާ ހަމައަށް ކުރައްވާ މަސައްކަތައްޓަކައި ހުރިހާ ފުލުހުންނަށް ސާބަސް ދަންނަވަން " ދާޚީލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުލުހުން ޚިދުމަތްދެމުންދާގޮތް ވަޒަންކުރެވޭކަމަށާއި އެ ހާލަތު ބަދަލުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެކަމެއްކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރެއްވީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތް ހެދުމަށްކަމަށެވެ. އެއީ ފުލުހުންގެ އަމިއްލަ މަރުކަޒުގައި ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެއްސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ 66 ރަށުގައި ދެ އަހަރު ނުވަނީ ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިއުމަކީ ފުލުހުންގެ ޚިދުމަތް ހިންގުމަށް ތިބި މީހުންނާއި ފުލުހުންގެ އާދަޔާ ޚިލާފު މަސައްކަތެއްކަމަށެވެ.
ފުލުހުންގެ އަމިއްލަ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް 95 ރަށުގައި ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގިނަ އަދެއްގެ ފުލުހުން ބައެއް ހިސާބުތަކުގައި ބޭތިއްބުމަށް އެކަމަޑޭޝަން ބޮލްކްތައް ތަރައްޤީކުރުމުގެ މަސައްކަތް 4 ސަރަޙައްދެއްގައި ކުރިއަށްދާކަމަށާއި އިތުރު 39 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ސޮއިކުރެވި ވާންޖެހޭ ތައްޔާރިތައް ވަމުންދާކަމަށް ވަޒީރު ވިދަޅުވިއެވެ.
"މިއީ ފުލުހުންގެ ޚިދުމަތާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ކުރަމުންދާ ބޮޑު މަސައްކަތެއް. ދިވެހި ޤައުމަށް ރައްޔިތުންގެ ސަލާމަތްކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަންތައް. ދިވެހި ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ 24 ގަޑިއިރު ފުލުހުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތިބޭނެކަން. ކޮންމެ ނުރައްކަލެއްގެ ހުރަހަކަށް ފުލުހުންވެ ހަށިގަނޑާއި ފުރާނައިން ޤުރުބާންވާނެކަން. " ދާޚީލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތުއްތުކުދިން ބޮޑުވަމުން އަންނަނީ އަމާން މާހައުލެއްގައި ކަން ކަށަވަރުކުރުމަށް ނުރައްކާތެރި ވަބާތަކުން ސަލާމަތްވެފައިވާ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށެވެ. އިންނަމާދޫގައި ތަރައްޤީކޮށް ހުޅުވި ފުލުހުންގެ މަރުކަޒުން ހާމަކޮށްދެނީ މިހާރު މަސައްކަތް ފަށާފައިވާ މަރުކަޒުތަކުގެ މަސައްކަތް ނިންމާނެކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މި ދައުރުގެ ތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ނިންމާ ހުޅުވައި، ޤައުމީ ސަލާމަތައް ބޭނުންވާ ހުރިހާ ޚިދުމަތެއް ރަށްރަށުގައި ތިބެގެން ފުލުުހުން ދޭންފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަދަލުކުރާ މާހައުލަކީ ރާއްޖޭގެ ސަލާމަތީ ލޭންޑް ސްކޭޕްކަމަށާއި މިއީ އެރަށެއްގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިހްސާސްކޮށްދޭނެ އިމާރާތްތަކެއްކަމަށް ދާޚީލީ ސަލާމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.