ޚަބަރު

55 ކައުންސިލް އިމާރާތުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް ނިންމަނީ


  • މި މަޝްރޫޢު އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށް

  • 42 ރަށެއްގައި އިމާރާތްކުރާ ކައުންސިލްތައް ވަނީ މޮބިލައިޒްކުރެވިފައި

  • މަސައްކަތަށް ބޭނުންވާ ސާމާނު 38ރަށަކަށް ވަނީ ފޮނުވާފައި

55 ކައުންސިލް އިމާރާތުގެ މަސައްކަތް، އަންނަ ޖުލައިގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ތެރެއިން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކުރި 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެ ކަމަށްވެސް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތަައް އަލުން ޢިމާރާތްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، 42 ރަށެއްގައި އިމާރާތްކުރާ ކައުންސިލްތައް މޮބިލައިޒްކުރެވިފައިވާކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމަށް ބޭނުންވާ ސާމާނު ސައިޓަށް ފޮނުވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް މަޝްރޫއަށް ގެނައުމަށް އެ ކުންފުނިން ބޭނުން ނުވުމުން އެ އެއްބަސްވުން ބާތިލުކޮށް ދިވެހި ކުންފުންޏަކާ ވަނީ މަސައްކަތްކުރުމަށް ހަވާލުކޮށްފައެެވެ.

55 ކައުންސިލެއް އިމާރާތްކުރުމުގެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން، 100އަށް ވުރެ ގިނަ ރަށުގައި މި ދައުރުގެ ތެރޭގައި ކައުންސިލް ޢިމާރާތް އެޅުމަށް ހަމަޖެހިފައިވެއެވެ.