ކުޅިވަރު

ބޯޅަ ނެތީސް ބާސެލޯނާގެ ކުޅުން ރަނގަޅު ކުރަންޖެހޭ: ކޯޗު


ބޯޅަ ނެތީސް ބާސެލޯނާގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބޫރޫގްއާ ބައްދަލުކޮށް ބާސެލޯނާ އެއްވަރުވީ އެ ޓީމުގެ ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ގޯލަކާއެކު 3-3އިންނެވެ. މި މެޗުގައި ތިން ފަހަރު ވެސް ލީޑް ނެގީ ބްރޫގްއިންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ މި ނަތީޖާ އަކީ ބާސެލޯނާ އަށް ހިތްހަމަޖެހޭ ނަތީޖާއަކަށްނުވި ނަމަވެސް ކުރެވުނު ރަނގަޅު ކަމަކީ ތިން ފަހަރު ވެސް ގެއްލުނު ލީޑް ހަމަހަމަ ކުރެވުން ކަމަށެވެ.

"އެ މީހުން ވަރަށް ރަނގަޅަށް ކުޅުނު. އަހަރުމެންގެ ކުޅުންތެރިން ކައިރީގައި އަހަރެން ކުރިން ވެސް ބުނިން ބޯޅަ ނެތީސް އަހަރުމެން ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށް. އެ މީހުން ދެ ޕާހެއް ޖަހާފައި ކުރާ އެޓޭކްތަކަށް އަހަރުމެންނަށް ނުހުއްޓުވުނު،" ފްލިކް ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގެ ހައިލައިން ޑިފެންސްގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ހާއްސަކޮށް ހަލުވި ޓީމުތަކާ އެކު ކުޅޭއިރު ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށެވެ.

"ހަމައެކަނި ޑިފެންސް އެކަންޏެއްނޫން. މެދުތެރެއިން ކުރަންޖެހޭ މަސައްކަތް ވެސް އިތުރު ކުރަން ޖެހޭ. އަހަރެންނަށް މި ޓީމުގެ ޑިފެންސް ލޯ ބްލޮކް ޑިފެންސަށް ބަދަލު ކުރެވިދާނެ. އެކަމަކު އެއީ އަހަރުމެންގެ ފިލޯސަފީއެއްނޫން. އެ ގޮތަށް ބަދަލުކޮށްފިނަމަ ޓީމުގެ އިންޓެންސިޓީއެއް ނޯންނާނެ. އެކަން ކުރަން އަހަރެން ބޭނުންނުވަނީ މިހެންވެ،" ފްލިކް ބުންޏެވެ.

ހުސްވި ސީޒަނުގައި ބާސެލޯނާ ދެއްކި ކުޅުން މި ސީޒަނުގައި ނުދެއްކި ދިއުމާ ބެހޭ ގޮތުން އޭނާ ބުނީ ސީޒަނުގައި އަދި ވަރަށް ގިނަ މެޗުތައް ކުރިއަށް އެބައޮތް ކަމަށެވެ.