ކުޅިވަރު

ލިވަޕޫލްގެ ދަނޑުގައި ރެއާލް ފަރިތަ ނުކުރީ ކީއްވެ؟


ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ އެންމެ ފޯރިގަދަ މެޗަކަށްވާނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މިއީ މުބާރާތުގެ އެންމެ ކާމިޔާބު ތިން ޓީމުގެ ތެރެއިން ދެ ޓީމެވެ. ރެއާލް 15 ފަހަރު ތަށި ހޯދާފައިވައިރު ލިވަޕޫލް ވަނީ ހަ ފަހަރު ތަށި ހޯދައިފަ އެވެ.

ނަމަވެސް މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅޭ މެޗުގެ ކުރިން ލިވަޕޫލް އެ ދަނޑުގައި ފަރިތަނުކުރާ މައްސަލަ އެވެ. އާއްމުކޮށް އަވޭ ޓީމުން މެޗުގެ ކުރީ ދުވަހު ހޯމް ޓީމުގެ ދަނޑުގައި ފަރިތަކުރާނެ އެވެ. ނަމަވެސް ރެއާލްގެ ކޯޗު ޒަނީ އަލޮންސޯ ގަސްތުކުރީ އެންމެ ފަހުގެ ފަރިތަކުރުންތައް ސްޕޭނުގައި ކުރިއަށް ގެންދިއުމަށެވެ. ކީއްވެ ހެއްޔެވެ؟

"އަހަރުމެން ނިންމީ ލިވަޕޫލްގެ ދަނޑުގައި ފަރިތަ ނުކުރަން. ސަބަބަކީ އަހަރުމެން ބޭނުމެއް ނުވޭ 200 ކެމެރާގެ ކުރިމަތީގައި ޕްރެކްޓިސް ކުރަން،" އަލޮންސޯ ބުންޏެވެ.

ރެއާލްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކުޅުނު އަލޮންސޯ އަކީ 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަކީ ލިވަޕޫލްގެ ދަނޑުގައި ފަރިތަކުރަން ބޭނުންނުވި ފުރަތަމަ ކޯޗެއް ނޫނެވެ. ރެއާލްގެ ކޯޗުކަމުގައި މަޝްހޫރު ހޯސޭ މޮރީނިއޯ ވެސް ވަނީ މެޗުގެ ކުރިން ލިވަޕޫލްގެ ދަނޑުގައި ފަރިތަކުރަން ދެކޮޅު ހަދައިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަމުގެ އެންމެ މުހިންމު ސަބަބަކީ ލިވަޕޫލްގެ ދަނޑުގައި ހުރި ޓެކްނޮލޮޖީގެ ބޭނުން ހިފައި އެ ޓީމުގެ ރޭވުން ލިވަޕޫލަށް ލިބުނަ ނުދިނުމެވެ.