ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފިއެވެ.
މީދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަން ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާއެވެ. އެގޮތުން ދ. މީދޫގައި އައިސްޕްލާންޓު އެޅުމަށް މިފްކޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ވަނީ ޤާއިމްކޮށްފައެވެ.
އިތުރު އައިސް ޕްލާންޓްތައް އޮޕަރޭޝަނަށް ގެނައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ޤާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެކެވެ. މިހާރުވެސް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވެއެވެ.
ސަރުކާރުންވަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުންދިޔަ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.