އޮސްޓްރޭލިއާއަށް ހިޖުރަކުރާ މީހުންގެ ޢަދަދު ކޮންޓުރޯލުކުރުމުގެ ގޮތުން، ބޭރުގެ ދަރިވަރުން ކިޔަވަން ދާއިރު އެ މީހުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިން ގެނައުން ހުއްޓުވައި، 'ވޯކިންގ ހޮލިޑޭ' ވިސާގެ އުސޫލުތައް ހަރުކަށިކުރަން އެ ޤައުމުން ނިންމައިފިއެވެ. މި ފިޔަވަޅުތައް އިޢުލާނުކުރެއްވީ، ހިޖުރަކުރުމާ ގުޅޭގޮތުން ބަހުސްތައް ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުގެ އިސް ވަޒީރެކެވެ. މީގެ ދަށުން، ޕެސިފިކް އަދި އިރުދެކުނު އޭޝިއާގެ ބައެއް ދަރިވަރުން ފިޔަވައި، ގިނަ ދަރިވަރުންނަށް ޢާއިލާ ނުގެންދެވޭނެއެވެ. އަދި، ވިސާ އައުކުރެވޭނީ ތަޢުލީމީ ގޮތުން މަތީ ފެންވަރަކަށް ދާނަމަ އެކަންޏެވެ.
މި ބަދަލުތަކަކީ ވަގުތީ ގޮތުން ހިޖުރަކުރާ މީހުންގެ ޢަދަދުން 750،000 މަދުކުރަން ގޮވައިލާ 'ވަން ނޭޝަން' ޕާޓީގެ ސަބަބުން ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ދެކެވޭ ވާހަކަތައް ދާޚިލީ ވަޒީރު ޓޯނީ ބަރކް ދޮގުކުރެއްވިއެވެ. ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ އަހަރަކު އެވުރެޖުކޮށް އެ ޤައުމަށް ހިޖުރަކުރާ 300,000 މީހުންގެ ޢަދަދު. 2028 ވަނަ އަހަރުގެ ކުރިން 225،000 އަށް ދަށްކުރުމަށެވެ. ފަހަކަށް އައިސް ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ދިރިއުޅުމުގެ ޚަރަދުތަކާއި ހިޖުރަކުރުމުގެ މައްސަލައެވެ.
ވިސާގެ މުއްދަތު ހަމަވުމަށްފަހު ނުޤަވާޢިދުން ދިރިއުޅޭ މީހުން ހޯދަން އިތުރު 100 އޮފިސަރުން ނެގުމަށާއި، ބަންދުކުރާ މީހުން ބައިތިއްބަން ކަރަންޓީނު މަރުކަޒެއް ބޭނުންކުރުމަށް ވެސް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި، ބެކްޕެކަރުންގެ ވިސާ އިތުރުކުރަން ޤުރުޢަތު ނެގުމުގެ ނިޒާމެއް ތައާރަފުކުރުމުގެ އިތުރުން، ވިސާ ބަދަލުކުރުން ހުއްޓުވުމަށް "ނޯ ފަރދަރ ސްޓޭ" ޝަރުޠު ޒިޔާރަތްކުރާ މީހުންގެ ވިސާގައި ހިމަނާނެއެވެ. ޞައްޙަ ވިސާއެއް ނެތްނަމަ އެ ޤައުމުން ފުރައިގެން ދާންޖެހޭނެ ކަމަށް ވަޒީރު ބަރކް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ އިޤުތިޞާދަށް 38 ބިލިޔަން ޑޮލަރު ވައްދައިދޭ އަދި ހަތަރުވަނައަށް އެންމެ ބޮޑު އެކްސްޕޯޓް ކަމަށްވާ ތަޢުލީމީ ދާއިރާގައި، ވިސާ ފީ ވަނީ ގާތްގަނޑަކަށް %300 ބޮޑުކޮށްފައެވެ. މިއީ، ޤައުމީ އަގުހުރި ދާއިރާއަކަށް އޮތް އިތުބާރު ގެއްލޭ ކަމެއް ކަމުގައި ޔުނިވަރސިޓީޒް އޮސްޓްރޭލިއާގެ ޗީފް އެގްޒެކެޓިވް ލޫކް ޝީހީ ވިދާޅުވިއެވެ. ހިޖުރަކުރާ މީހުންގެ ޢަދަދުތައް 2023 ގެ ފަހުން ދަށްވަމުން އައިސް، މިދިޔަ އަހަރު ވަނީ 306،000 އަށް ވެއްޓިފައެވެ.