ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކާށިދޫއިން 1 ހެކްޓަރުގެ ބިން ހަމަޖައްސައިފި


  • ބިން ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށް

  • ދެމެހެއްޓެނިވި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާބޯތަކެތީ ހައްދާ މިންވަރު އިތުރުކުރެވިގެންދާނެ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކ. ކާށިދޫއިން 1 ހެކްޓަރުގެ ބިން އެރަށު ކައުންސިލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މިބިން ރަސްމީކޮށް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާށިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ބިން ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލްގެ ފަރާތުން ދަނޑުވެރިކަމާބެހޭ ވުޒާރާއަށް މި ބިން ހަވާލުކޮށްފައިވަނީ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިޝްރޫއުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރެވިގެންދާނެކަމަށެވެ. ރަށު ފެންވަރުގައި ވަރުގަދަ ކާބޯތަކެތީގެ ނިޒާމުތަކެއް ޤާއިމުކޮށްގެން ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު މަދުކުރެވިގެންދާއިރު ދަނޑުވެރިކަމުގެ ދާއިރާގެ ތަމްރީނާއި، ވަޒީފާ އަދި ވިޔަފާރީގެ ފުރުޞަތުތައް މެދުވެރިކޮށް އިޤްތިޞާދީ ގޮތުން އެންމެންގެ ބައިވެރިވުން އިތުރުކުރެވިގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން އަގުހެޔޮ، ޞިއްޙަތަށް ފައިދާހުރި އަދި ތާޒާ ކާބޯތަކެތި ލިބުމުގެ ފުރުޞަތު ފަހިކޮށްދީގެން ކެއުމުގެ ރައްކާތެރިކަން އިތުރުކުރުމާއި އިޤްތިޞާދީ، އިޖްތިމާޢީ އަދި ކެއުމުގެ ރައްކާތެރިކަމުގެ ގޮތުން ރަށުގެ މުޖުތަމަޢަށް މިންކުރެވޭ ފައިދާތަކެއް ފޯރުކޮށްދިނުން މި މަޝްރޫއުގެ ތެރެއިން ކުރެވޭނެކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކ. ކާށިދޫގެ ޒުވާނުންނާއި، އަންހެނުންނާއި، އަދި ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ވިޔަފާރީގެ ހުނަރުތަކާއި، އަދި ޓެކްނޮލޮޖީ ބޭނުންކުރުމަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި ކެއުމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާދަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިންގިގެން ދާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ދާދިފަހުންވަނީ ކ. ހުރާއިންވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބިމެއް ކަނޑައަޅައިއެވެ.