ޚަބަރު

މިދިޔަ ހަފުތާގައި އިތުރު 6 ސަރަހައްދެއްގައި ކަނދުފަތި ޤާއިމުކޮށްފި


  • އެއީ 4 ދޮށީ ކަނދުފައްޗާއި، 2 ވަދު ކަނދުފަތި

  • މިހާރު ޖުމުލަ 105 ކަނދުފަތި އަޅާފައިވޭ

މިދިޔަ ހަފުތާތެރޭ ރާއްޖޭގެ އިތުރު 6 ސަރަހައްދެއްގައި ކަނދުފަތި ޤާއިމުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައ ހިމެނެނީ 4 ދޮށީ ކަނދުފައްޗާއި، 2 ވަދު ކަނދުފައްޗެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދޮށީ ކަނދުފަތިތައް އަޅާފައިވާ ސަރަހައްދުތަކުގެތެރޭގައި ގއ. ދާންދޫ އިރުން 16 މޭލު ބޭރުގައި، ގދ. ގައްދޫ ދެކުނުން 14 މޭލު ބޭރުގައި، އަދި ސ. ވިލިނގިލީ އިރުން 15 މޭލު ބޭރު ހިމެނޭ. އަދި ވަދު ކަނދުފަތި އަޅާފައިވަނީ ޏ. ފުވައްމުލަކު އިރުން 10 މޭލު ބޭރުގައިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 105 ކަނދުފަތި ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 51 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ 54 ވަދު ކަނދުފައްޗެވެ.

މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެއިތުރުން، މިދިޔަ އަހަރު އެކަނިވެސް 44 ވަދު ކަނދުފައްޗެއް އަޅާފައިވާކަން ވަޒީރު ކުރިން ވަނީ ފާހަގަކުރައްވާފައެވެ.

މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ޤާއިމުކުރުމުގެ މަސައްކަތަށް މި މަހު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް އަވަހަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ބޮޑު ބައެއް މި މަސް ތެރޭގައި އަލުން ގާއިމުކުރެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 40 އަހަރުވީ ބާ ފަރުމާގެ ބަދަލުގައި، މި އައު ޑިޒައިނާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.