ޚަބަރު

ހިތަދުއާއި ހުޅުމީދޫ ގުޅާލުމަށް ތަފާތު ކޮންސެޕްޓްތަކެއް، ޑީޓެއިލް ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކަށް


  • ފައިނޭސް އަދި ކޮންސްޓްރަކްޝަނަށް ބޭނުންވާ ޑޮކިއުމަންޓް ތައްޔާރުކުރާނެ

  • މިމަސައްކަތް ހަވާލުކުރީ އެއް މިލިޔަން ފަންސަވީސް ހާސް ޑޮލަރަށް

އައްޑޫ ހިތަދޫ ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ ސާވޭތައް ކުރުމާއި ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ މަސައްކަތްތައް ކުރިއަށްގެންދާ ތަޖުރިބާ ހުރި ކުންފުންޏެއްކަމަށްވާ ޗައިނާގެ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.

މިއެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗައިނާ ބްރާންޗްގެ ރައީސް ޗެން ޝީއޯހޫއެވެ. މިއެއްބަސްވުމުގެ ދަށުން ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށްދާނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ކޮންސަލްޓަންޓަކާ ހަވާލުކޮށްފަައިވަނީ، ހިތަދޫ ހުޅުމީދޫ ގުޅާލުމުގެ މަސައްކަތަކީ އައްޑޫ ސިޓީއަށް އެންމެ އެކަށޭނަ މަސައްކަތެއްތޯ ބެލުމަށް ސާވޭ ކުރުމާއި އަދި އެންމެ އެކަށީގެންވާ ދަތުރުފަތުރުގެ ކޮންސެޕްޓަކީ ކޯބައިތޯ ބެލުމާއި އަދި އެކަމަށް ހިނގާނެ ޚަރަދުތަކުގެ އިތުރަށް ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. ވަޒީރު ވިދާޅުވީ ދަތުރުފަތުރުގެ ތަފާތު ނިޒާމުތަކަކަށް ސަރވޭކުރާނެކަމަށެވެ.

"ފުރިހަމަ ފީސިބިލިޓީ ސްޓަޑީއަކާއެކު ކުރިއަށްގެންދާނީ. ބަލާނަން އެކި އޮޕްޝަންތައް. ފްލޯޓިން ބްރިޖެއް އަޅާނީތޯ، އާއްމުކޮށް މި އަޅާކަހަލަ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ. އިޤްތިޞާދީގޮތުން އަދި ޓެކްނިކަލްގޮތުން އެންމެ ފައިދާހުރި ގޮތެއް ބަލާފައި ސަރުކާރުން ދެން ގޮތެއް ނިންނާމީ. އެހާހިސާބުން ޓެންޑަރިންއަށް ގެންދާނީ." ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް ދިރާސާތައް ހެދި، ޑިޓެއިލް ކުރެހުންތައް ތައްޔާރުކުރެވުމާއެކު ފައިނޭންސް އަދި ކޮންޓްރެކްޓް ކުރާނެ ފަރާތެއް ހަމަޖެއްސުމަށް ބޮޑު ފަސޭހައަކަށްވާނެކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކުންފުންޏެއް ހަމަޖެހޭހާ އަވަހަށް ޢަމަލީ މަސައްކަތް ފަށައިގަންނަން ފަސޭހަވާނެކަމަށެވެ.

އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މިދިޔަ އަހަރު މިސްރުގެ ކުންފުންޏަކާވެސް ހަވާލުކުރިއެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އޭރު މަސައްކަތް ހަވާލުކުރީ ފައިނޭންސް އަދި ކޮންސްޓްރަކްޝަންވެސް ހިމެނޭގޮތަށްކަމަށެވެ. ނަމަވެސް ސަވޭ ނިންމާ، އެ ކުންފުންޏަށް ޕްރޮޕޯސަލަކާހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށްގެންދެވިފައި ނުވާކަމަށެވެ. މިމަސައްކަތުގެ ކޮންސަލްޓަންސީ އެހެން ކުންފުންޏަކާ ހަވާލުކުރަންޖެހުނީ އެ ސަބަބަށްޓަކާކަމަށެވެ.

"އިނީޝިއަލް އެސެސްމަންޓް ހަދާފައި، އެއެމްއޯޔޫ އެހެން ހިސާބަކަށް ގެންދެވޭވަރަށް އެމީހުންނަށް މަސައްކަތް ކުރިއަކަށް ނުގެންދެވުނު. އެހެންވީމަ މިނިންމީ ބިޑްކުރުމާ ހަމައަށް ގެންދެވޭވަރަށް މުހިންމު މަސައްކަތްތައް ވަކިން ކުރުމަށް. ސަވޭއާއި ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތް ގެންދަން ކޮންސަލްޓަންޓަކާ ހަވާލުކޮށްގެން." ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތަށް ކޮންސަލްޓަންޓެއް ނަގާފައިވަނީ މާލީ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށް އަދި ކަމަށް އެންމެ ޤާބިލު ކުންފުންނި ކަނޑައަޅައިގެންކަމަށެވެ. މި ކުންފުންޏަކީ ދުނިޔޭގެ މިފަދަ މަސައްކަތުގައި ވަރަށް ތަޖުރިބާކާރު ކުންފުންޏެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މުޅި މި މަޝްރޫޢުވެސް ކުރިއަށްގެންދާނީ އައްޑުއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށްކަމަށެވެ.

އެގޮތުން 3 ސްޓޭޖަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދާއިރު، ރައްޔިތުންނާވެސް ބައްދަލުކޮށް މަޝްވަރާ ހޯދާނެކަމަށް ވިދާޅުވިއެވެ.

މި މަސައްކަތް ހަވާލުކުރީ 1،025،000 (އެއް މިލިއަން ފަންސަވީސް ހާސް) ޑޮލަރަށެވެ. މަސައްކަތް ހަވާލުކޮށްފަވަނީ 6 މަސް ދުވަހުން ނިންމާގޮތަށެވެ.