ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ލ. މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ހާއްސަ ރަަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގަތެވެ.
މާމެންދު ކައުންސިލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރްސީސީއާއެވެ.
ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓާވާފައިވާ މަޝްރޫޢުގެދަށުން ފައްޓެވި މަސައްކަތެކެވެ.
މި އިމާރާތާއެކު ކައުންސިލަރުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ.