މިލަދުންމަޑުލު އުތުރުބުރި ފުނަދޫގައި ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް ހުޅުވައިފިއެވެ.
ފުނަދޫ އައިސްޕްލާންޓް ހުޅުވާފައިވާ މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް ހުޅުވުމަށް އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި ފުނަދޫގެ އައިސްޕްލާންޓް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ފުނަދޫގައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.
މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.