ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލާގައި ހިމެނޭ ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑުކޮށްފި


  • ޒިވާރަކީ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓެއް

  • މިމައްސަލާގައި ތުހުމަތުކުރެވޭ 4 މީހަކު ވަނީ ހަައްޔަރުކޮށްފައި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ 4 މީހަކު ހަައްޔަރުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 2 ވިޔަފާރިވެރިއަކާއި ކަސްޓަމްސް އަދި މިފްކޯގެ އިސް މުވައްޒަފެކެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިމައްސަލާގައި ތުހުމަތުކުރެވޭ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް މިއަދުން ފެށިގެން ކަސްޓަމްސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށެވެ. އަދި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުޤީގަށް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.