ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
އަތޮޅުތަކުގައި، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ދަށުން ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު 13 ރަށަކަށް ވަޑައިގެންނަވާއިރު އޭގެ ތެރެއިން މިހާތަނަށް އޭޓީއެމް ޚިދުމަތް ފެށިފައި ނުވާ 9 ރަށެއްގައި މިހާރު ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
• ތ. ބުރުނި
• ތ. މަޑިފުށި
• ތ. ވިލުފުށި
• ތ. ކަނޑޫދޫ
• ތ. ވަންދޫ
• ތ. އޮމަދޫ
• ތ. ކިނބިދޫ
• ތ. ދިޔަމިގިލި
• ތ. ގާދިއްފުށި
މި ރަށްތަކުގެ އޭޓީއެމް ބެހެއްޓުމުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ތ. ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗުގެ އިމާރާތުގެ އައު އިމާރާތުގެ ބިންގާ އަޅާފައެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ނަމުގައި ޚާއްސަ މަޝްރޫޢުއެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. މިމަޝްރޫޢުގައި ދަށުން މިހާތަނަށް ތ. އަތޮޅު ހިމެނޭހެން 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ޤައުމީ ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫޢުގެ ސަބަބުން ރަށްތަކުގެ އުޅޭ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، ބޭންކިން ޚިދުމަތް ހޯދުމަށް އެހެން ރަށްތަކަށް ދަތުރުކުރަން ޖެހުން ހުއްޓުމަކަށް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން މިހާރު ރަށްރަށުގައި ބަހައްޓާ އޭޓީއެމްތަކަކީ ފައިސާ ނެގުމާއި ޖަމާޢުކުރުމުގެ ޚިދުމަތުގެ އިތުރުން އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭ އޭޓީއެމްތަކަށްވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭންކިން ޚިދުމަތް ހޯދުމަށް މިމަޝްރޫޢުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.