ޚަބަރު

ކިނބިދުއާއި ވޭމަންޑޫ ކޯޒްވޭއާއެކު އިޤްތިޞާދީގޮތުން ރަށާއި އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ: ރައީސް


  • ކިނބިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަން ހިއްސާކުރެއްވި

  • ކިނބިދޫ- ވޭމަންޑް ކޯޒްވޭ މަޝްރޫޢަށް އިންވެސްޓަރުން ހޯދުމަށްވަނީ ހުޅުވާލާފައި

  • އަންނަ އަހަރު ނިމުމުގެ ކުރިން ތ.އަތޮޅުގައި 1 ރިސޯޓް ހުޅުވާނެ

ކޮޅުމަޑުލު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލެވުމުން އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ކިނބިދޫއާއި މުޅި އަތޮޅަށްވެސް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކިނިބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ކިނބިދޫ- ވޭމަންޑް ކޯޒްވޭގެ މަސައްކަތް ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. މިމަހުގެ 22 ވަނަ ދުވަހު މިމަޝްރޫޢަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާއިރު، މިހާރުވެސް އިންވެސްޓަރުން ޝަޢުވެރިކަން ފާޅުކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މިމަޝްރޫޢު ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، އިންޓަރގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރަށުގައި ދިރިއުޅޭ އާބާދީ އިތުރުކުރުމާއި، އެއްފަސްކުރުމަށްވެސް ބާރު ލިބޭ މަޝްރޫޢަކަށްވާނެކަމަށެވެ.

"ކޯޒްވޭއާއެކު ބޮޑެތި ތަރައްޤީތަކެއް އަންނާނެ. މި މަޝްރޫޢު ހަގީގަތުގައިވެސް ފުއްދައިދޭނެކަމުގެ ޔަގީންކަން ދެން. ސަރަޙައްދީ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫޢަކަށް މި މަޝްރޫޢުވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ތ.އަތޮޅުގައި 1 ރިސޯޓް ހުޅުވާނެކަމަށް އިންވެސްޓަރު މަޢުލޫމާތުދީފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ކިނބިދޫގައި ހިއްކާފައިވާ 25 ހެކްޓަރުގެ ބިން ތަރައްޤީކުރުމަށްވެސް މުހިންމު ޕްލޭންތައް އެބަހުރިކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭހެން، އެކަންކަން ސަރުކާރުން އިޢުލާންކުރައްވަމުންދާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކިނބިދޫގެ ހިއްކާފައިވާ ބިން ޙިމާޔަތްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކިނބިދޫގައި ފެށި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި، ފުލުހުންގެ މަރުކަޒާއި، މަގުހެދުމުގެ މަސައްކަތަކީ ރަށަށް ބޮޑެތި ތަރައްޤީތައް އަންނާނެ މަޝްރޫޢުތަކެއްކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކޮށް ކުރިއަށް ގެންދިއުމަށް، މިމަޝްރޫޢު މިހާރު ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަސައްކަތްކުރައްވާނެކަމަށެވެ.

މީގެއިތުރުން ކުޅިވަރު ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، ފުޓުބޯޅަ ދަނޑު ވަށައި ފެންސްޖެހުމާއި، ލައިޓް ހަރުކޮށް ސިޑިބަރިއާއި، ޗޭންޖިން ރޫމް ހިމެނޭހެން ފުޓްސަލް ދަނޑުގެ ޓާފު ބަދަލުކޮށް ތަރައްގީކުރައްވާނެކަމަށެވެ. އަދި ދަނޑު ތަރައްީކުރާނީ ހޭންޑްބޯލްވެސް ކުޅެވޭގޮތަށްކަމަށެވެ. އެ މަސައްކަތް ހަވާލުކޮށް، ދެ މަސްތެރޭ ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.