ޚަބަރު

އެސްޓީއޯއިން މިރުސް އެތެރެކުރިޔަސް، ކަނޑޫދޫގެ ދަނޑުވެރިންނަށް ގެއްލުމެއް ނުވާނެ: ރައީސް


  • ރައީސް ވިދާޅުވީ ކަނޑޫދޫގެ ދަނޑުވެރިންނަށް އިތުރު ފުރުޞަތު ހޯއްދަވައިދެއްވާނެކަމަށް

  • ރަށުގެ ތަރައްޤީގެ ގިނަ ކަންކަން އިޢުނުކުރެއްވި

އެސްޓީއޯއިން ރާއްޖެއަށް މިރުސް އެތެރެކުރިނަމަވެސް، ކަނޑޫދޫގެ ދަނޑުވެރިންނަށް އޭގެ ސަބަބުން ގެއްލުން ނުވާނޭކަން ޔަޤީންކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ ރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރު ޢަމަލުކޮށްފައިވާ ގޮތް ބަލާ، ކޮންޓްރެކްޓް ބާތިލުކޮށް، އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރާނެކަމަށާއި، އަދި ޚިދުމަތް ރައްޔިތުންނަށް އެންމެ އަވަހަށް ލިބޭނެ ގޮތެއް ހަމަޖައްސަވާނެކަމަށެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް ލަސްވާ ސަބަބުތައް ދެނެގަނެ، މަސައްކަތް ވީހާވެސް އަވަހަށް ނިންމޭގޮތަށް ކަންކަން ހަމަޖައްސަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތައް ލަސްވެފައި ވަނީ ސަރުކާރުން ފައިސާ ހަމަޖައްސައިނުދީގެން ނޫންކަމަށެވެ.

"ކޮންޓްރެކްޓަރ ޓަރމިނޭޓްކޮށް އެމްޓީސީސީއާ މިހާރު އެ މަސައްކަތް ހަވާލުކޮށްފަވަނީ، 4 މަސްތެރޭގައި ހެލްތް ސެންޓަރުގެ މަސައްކަތް ނިންމާނަން. ކްލާސްރޫމާ، ލެބޯޓްރީ އަދި ސްކޫލަށް ބޭނުންވާ ޖާގައާ ވަސީލަތް އިތުރުކުރުމުގެ މަސައްކަތްވެސް 4 މަސްތެރޭ ފަށާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލަށް ތަރައްޤީކުރާ ފުލުހުންގެ މަރުކަޒާއެކު ރަށުގައި ދެމުންދާ ފުލުހުންގެ ޚިދުމަތް ފުރިހަމަވާނެކަމަށެވެ.

ރައީސް ވަނީ ރަށުގެ ރައްޔިތުން އާމްދަނީއަށް ކުރަމުންދާ މައިގަނޑު މަސައްކަތްކަމަށްވާ ދަނޑުވެރިކަން ކުރިއެރުވުމަށް ކަމާއި ގުޅުންހުރި ވުޒާރާތަކާއި އެސްޓީއޯގެ އެހީއާއެކު މަސައްކަތްކޮށްދެއްވާނެކަމަށެވެ.

"މިރުހުގެ ބާވަތް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ނިންމިނަމަވެސް، ރަށުގެ ދަނޑުވެރިންނަށް އޭގެ އެއްވެސް ގެއްލުން ނުވާނެގޮތަށް ގެންދާނީ. އެސްޓީއޯއަށް ގަނެވޭނެ ގޮތްވެސް ހަދާނަން. އެއްގޮތަކަށްވެސް ދަނޑުވެރިން މި ނިންމުމާމެދު ކަންބޮޑުވާން ނުޖެހޭނެކަމުގެ ޔަގީންކަން ދެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގައި ކުޅިވަރު ވަސީލަތް ތަރައްޤީކުރުމާއި ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުވެސް އަވަހަށް ނިންމަވައިދެއްވާނެކަމަށެވެ.

މި ޖަލްސާގައި ވަނީ ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް ގާއިމުކުރުމާއި، ކަނޑޫދޫ ބިން ހިއްކުމުގެ މަޝްރޫއާއި، މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ބަނދަރުގައި ވަކި ޖެޓީއެއް ގާއިމުކުރުމުގެ މަޝްރޫޫޢުއާއި ކަނޑޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ކަނޑޫދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.