ޚަބަރު

ދޮންފަނު މަޝްރޫޢު ކުރިއަށްނުގެންދަން ނިންމުމުން ރައްޔިތުންންގެ ބަހަށް ސަރުކާރުން އިސްކަންދޭކަން ހާމަވޭ: ވަޒީރު ޠާރިޤު


  • ތަރައްޤީގެ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެކަމަށް ވިދާޅުވި

  • ގޮނޑުދޮށް ޙިމާޔަތްކުރުން ކުރިއަށް ގެންދާނެކަމަށް ވިދާޅުވި

މާޅޮސްމަޑުލު ދެކުނުބުރި ދޮންފަނު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ އަދުގެ ސަރުކާރުން ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ކުރާކަން ހާމަވާ ހެއްކެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބ. ދޮންފަނު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަަކށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދޮންފަނަށް ވަޑައިގެން، އެރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިއުލާން ކުރެއްވިއެވެ.

އެހެންނަމަވެސް އެމަޝްރޫޢާއެކު ދޮންފަނާއި ޖެހިގެންއޮތް ބ.އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކުވަނީ ފާޅުކޮށްފައެވެ. އަދި އެކަންބޮޑުވުންތަކުގެ އަޑުއައްސަވާ، ރައްޔިތުންގެ އެދުމާއެކު އެމަޝްރޫޢު ހުއްޓާލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބ. ދޮންފަނު ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ނިންމެވި ނިންމެވުމަކީ މި ސަރުކާރުން ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ހެއްކެއްކަމަށެވެ. އަދި ކުރިމަގުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި އަދި މުޖުތަމަޢުގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.

2011ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއާއި އެންމެ ގާތުގައި އޮންނަ ރަށަކީ ދޮންފަނެވެ. ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް އޮންނަނީ ހިމާޔަތްކޮށްފައެވެ. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ.