ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ ފައިސާގެ އަދަދެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މި މުއްދަތުގެ ތެރޭގައި ކޯޓާ ފީގެ ގޮތުގައި 794 މިލިޔަން ރުފިޔާ ލިބިފައިވާއިރު ސާރވިސް ފީގެ ގޮތުގައި 1.8 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާގެ ގޮތުގައި 6.3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެއާ އެކު ޖުމްލަ 2.03 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ އަދިވެސް ބިދޭސީންގެ އެކި ކަންކަމުގައި ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށެވެ. އެގޮތުން 967 މިލިޔަން ރުފިޔާ ނުލިބިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯކް ޕާމިޓް ފީގެ ގޮތުގައި 799 މިލިޔަން ރުފިޔާއާއި ކޯޓާ ފީގެ ގޮތުގައި ލިބެންޖެހޭ 156 މިލިޔަން ރުފިޔާއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 10 މިލިޔަން ރުފިޔާ ލިބެންޖެހެއެވެ.
ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭމުންދާ ބިދޭސީންގެ މަސައްކަތް ހައްލުކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތުތައް އަދާހަމަކުރުމުގެ މަސައްކަތްތަކާއި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވައިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތުގެ އިތުރުން ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 7000އަށް ވުރެ ގިނަ ބިދެސީން ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައެވެ.
މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސްވަނީ އަދާހަމަކޮށްފައިވެއެވެ. ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ވުޒާރާއިން އަންނަނީ ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބިދޭސީން ގެންގުޅޭ 2498 މީހަކު ސިސްޓަމްގެ ތެރެއިން ބްލޮކް ކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.