މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއިން ހުޅުމާލޭގައި ދުވާލަކު 10،000ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެކުންފުންޏަށް 29 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދުއާއު، ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ކުންފުނީގެ ބޯޑު މެންބަރުންނެވެ.
އެމްޑަބްލިޔުއެސްސީއިން ވިދާޅުވީ، މިއަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މި ޢިމާރާތުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި މި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5,000 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ، ޢަމަލީ މަސައްކަތް ފެށިގެން ދިޔަ މިއާރްއޯ ފެސިލިޓީއާކީ މާލެއާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަނާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ފާހަގަކުރައްވައެވެ.
1995ވަނަ އަހަރު އެފުދުނު އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އެގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން އަންނަނީ ޚިދުމަތްދެމުންނެވެ.
ކުންފުނި އުފެދިގެން އައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ނަމަވެސް، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކުންފުންޏަކީ، އިންޖިނިއަރިންގ، ޓްރޭޑިންގ އަދި މެނިފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ.