މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި މި އަހަރު ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެންމެ ބޮޑު ވަޢުދު ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެންކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެއްވެސް ކަހަލަ ނުފޫޒެއް އެކަމުގެ ތެރެއަށް ވަނަނުދީ ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މިސަރުކާރުންދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީވެ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިސަރުކާރުންދޭ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހާއަށް ހައްގުވީމަ އެމީހާގެ ހައްގު އަދާކުރުމުގެ ގޮތުން". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލްތައް ރަނގަޅަށް ވެރިފައިކޮށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓް ހަމަވާ ތަރުތީބުން ފްލެޓް ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ކޮން ފްލެޓެއްކަންވެސް އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ގޯތި ލިބޭ ފަރާތްތަކަށްވެސް އެކަން މިއަހަރުގެ ތެރޭގައި އަންގާނެކަމަށް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަންގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ މެއި، ޖޫން ނުވަތަ ޖުލައި ހިސާބުގައި މާލޭ ސަރަހައްދުގައި އަޅާ ހުރިހާ ފްލެޓެއް ނިމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ގޯތި ދިނުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގޯތި ދިނުމަށް ކަނޑައަޅާފައިވަނީ ރަސްމާލެ ހިއްކާ ނިމުމުންކަމަށެވެ. އަދި އެ މަސައްކަތުގެ %60 ނިމިފައިވާކަމަށާއި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް މިހާރު އަނެއްކާވެސް މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެ މަސައްކަތް ދެން ކުރުމަށް ނިންމާފައިވަނީ 2 ޑްރެޖަރ ބޭނުންކޮށްގެންނަމަވެސް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ވެސް ނިންމާލުން ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. އެގޮތުން ފްލެޓަށް އެދި އެކަނިވެސް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 އެޕްލިކޭޝަނެވެ.