ޚަބަރު

"ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކުޑަވަނީ އެކި މޮޑެލްތަކަށް ހިންގާތީ"


  • އެފަދަ ބިލެއް ނެތުމުގެ ސަބަބުން ގިނަ ގޮންޖެހުންތައް ދިމާވޭ

  • ބަޖެޓު ހެދުމަށް ބިލުގެ ސަބަބުން ލުއިފަސޭހަތައް ލިބޭނެ

އެކި ސަރުކާރުތަކުގައި، އެކި މޮޑެލްތަކަށް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމުގެ ސަބަބުން އެފަދަ މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކުޑަވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ބިލެއް އެކުލަވާލުމުން ގެދޮރުވެރިކަމުގެ ދާއިރާގެ މަޝްރޫޢުތައް ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ. އެފަދަ ބިލެއް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި އަސާސީ އިޖުތިމާއީ ބޯހިޔާވަހިކަމަކީ ކޮބާކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމާއި، ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ އެއްބަސްވުންތަކުގައި ތަފާތުތައް ހުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ބިލެއްގެ ހަޤީގީ މަޤްސަދަކީ، ދައުލަތުގެ ޚަރަދުގައި އިޖުތިމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެ ފުރިހަމަ ފައިދާ ހޯދާދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ނިސްބަތުން ބަލާއިރު މާލެ ސަރަހައްދުގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު، ޒަމާންތަކެއް ވަންދެން މާލެ ސަރަހައްދުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މި ސަރަހައްދަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެންނާއި މެދު އެއް އުސޫލަކުން އަމަލުކުރާނެ ނިޒާމެއް ނެތުމަކީ އާއްމުންގެ ޝަކުވާއެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"މިސާލަކަށް އަސާސީ ބޯހިޔާވަހިކަމަކީ ކޮބާތޯއާއި ދިރިއުޅުމުގެ އެހެން ހާލަތަކަށް ބަލާ އެހީތެރިވެވިދާނެތޯ މިއީ އެއްވެސް ވަރަކަށް ޑިފައިންވެފައެއް ނެތް. ކޮންޓްރޯލް ޕްރައިޒުގައި ވިއްކާ ޔުނިޓުތައް އެބަހުރި. އެ ނިޒާމު އެކަށީގެންވާ ގޮތުގައި ނެތީމަ އެންމެ ފުދޭ މީހާއަށްވެސް ލިބޭ." އޭނާ ވިދާޅުވިއެވެ.

މިފަދަ ބިލެއް އެކުލަވާލުމަކީ ބޯހިޔާވަހިކަމުގެ ދާއިރާގެ ބަޖެޓު ތައްޔާރު ކުރުމުގައިވެސް ލުއިފަސޭހަ އަކަށްވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ދައުލަތުން އިންސެންޓިވް ދީގެން ބޯހިޔާވަހިކަމުގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރ ބާރުވެރި ކުރުވޭނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އޭނާ އިިތުރަށް ވިދާޅުވީ، އެކި ސްކީމްތަކުގެ ދަށުން އާއްމުންނަށް ފްލެޓް ލިބޭއިރު ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތް ފަހުން ބަދަލުވި ނަމަވެސް އެއަށްވުރެ ރަނގަޅު ބޯހިޔާވަހިކަމެއް އެފަދަ ފަރާތްތަކަށް ނުލިބޭ ކަމަށެވެ. ނަމަވެސް މި ބިލު އެކުލަވާލާއިރު ދިރިއުޅުމުގެ ހާލަތަށް ބަލައިގެން އެފަދަ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ޤާނޫނެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވިއިރު ވެވަޑައިގެންނެވި ވައުދެކެވެ.