ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ރައީސް ކަމަށް ވާދަނުކުރާނެކަމަށް ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފިއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ދެކޮޅަށް ޔޫރަޕްގެ ގިނަ ތާއީދާއިއެކު ކެންޑިޑޭޓެއް ނެރޭނެކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެއީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
'ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" ގެ ނަމުގައި ގެންނަ ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ކެފަރިން ބުނެފައިވަނީ ދާދި ފަހުން ހިނގާދިޔަ ކަންތައްތަކަށްފަހު އިންފަންޓީނޯ އާއި ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް އިންފަންޓީނޯ އިންތިހާބުގައި ވާދަކުރާނަމަ އޭނާއަށް ޗެލެންޖަކަށް ވާނެ ކަމަށެވެ.
އިންފަންޓީނޯ އާއި ދެކޮޅަށް ކެފަރިން ފާޅުގައި ފާޑުކިޔާފައިވަނީ ފީފާއިން އިންތިޒާމް ކުރާ މުބާރާތްތަކާއި އަދި އެހެނިހެން ބޮޑެތި ކަންތައްތައް ކުރިއަށް ގެންދިއުމަށް އުފެއްދުމަށް ނިންމި ފީފާ ފޯވާޑް އެންޓަރޕްރައިޒްގެ 20 އިން ސައްތަ ހިއްސާ އާންމު ވިޔަފާރިވެރިންނަށް ވިއްކާލުމަށް ނިންމާ އެކަން އިއުލާން ކުރުމާއި ގުޅިގެންނެވެ.
އަދި އަޑި ނެނގޭ ގޮތަކަށް މިކަން އިންފަންޓީނޯ އިއުލާން ކޮށްފައިވަނީ އެކަމުގެ މައުލޫމާތު އެކަށީގެންވާ މިންވަރަށް ނުދީ މަޝްވަރާ ކުރުމުގެ އުސޫލާއި ހިލާފަށް ކަމަށްވެސް ކެފަރިން ވަނީ ބުނެފައެވެ.
އިންފަންޓީނޯގެ މި ނިންމުމާއިއެކު ޔޫއެފާ އިން ވަނީ މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ ޔޫއެފާއިން ފީފާ ވޯލްޑްކަޕް ހިމެނޭހެން ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ޔޫއެފާ އާއި އޭޝިޔާގެ އިތުރުން ކޮންމެބޮލްގެ ގައުމުތަކުން ވަނީ ފީފާ އާއި ދެކޮޅަށް ބަޔާނެއް ނެރެފައެވެ.
ފީފާގެ ގިނަ މެމްބަރު ގައުމުތަކުން އިންފަންޓީނޯގެ މި ޕްރޮޖެކްޓާއި ދެކޮޅަށް ތެދުވުމާއިއެކު މޮރޮކޯގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިންފަންޓީނޯ ވަނީ އެއީ ގޯސް ޕްރޮޖެކްޓެއް ކަމަށާއި އަދި އެކަން ކުރެވުނީ އެންމެ ރަގަޅު ގޮތަށް ނޫން ކަމަށްބުނެ މައާފަށް އެދިފައެވެ.
މި ޕޮޑްކާސްގައި އިތުރަށް ވާހަކަ ދައްކަމުން ކެފަރިން ބުނެފައިވަނީ ވޯލްޑްކަޕްގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ފީފާ އިން ދިން ފީފާ ޕީސް އެވޯޑަކީވެސް މަޝްވަރާގެ މަތިން ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.