ރޭ ފަތިހު މއ. ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށާއި މީގެ ތެރެއިން އެކަކު ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:27 ހާއިރެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ މިހާދިސާގައި އަލިފާން ފުރަތަމަ ރޯވީ މއ. ދޫގަސްވިލާ ގޭގެ 2 ފަންގިފިލާއަށް ހަދާފައިވާ އިމާރާތުގައި ކަމަށެވެ. މިއިމާރާތުގެ 5 ކޮޓަރިއެއްގައި ތިބި 15 ބިދޭސީން ރައްކާތެރިކަމާއެކު އެތަނުން ބަދަލުކުރެވިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 4 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އަނެއް ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާ 3 މީހުންނާއި ސްރީލަންކާގެ މީހެކެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ދޫގަސްވިލާގެއާ އިންވެގެން ހުރި އިމާރާތުގެ ފެނުގެ ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. މީގެ ތެރޭގައި 20 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ. އަދި އަލިފާން ރޯވި އިމާރާތާއި އެއާ އިންވެގެން ހުރި މއ.ދޫގަސް 1ގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް މި ހާދިސާގެ އަސަރުކޮށް ވަގުތީގޮތުން އެތަންތަނުން ބަދަލުކުރެވިފައިވާ ކަމަށެވެ. މިފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއިން އަންނަނީ ކުރަމުންނެވެ.
ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާ ގުޅައި، ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިކަމަށާއި އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.