ޚަބަރު

މީރާގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް އިންޓަރނަލް ޕްރޮސެސްތައް އޮޓަމޭޓްކުރަނީ


  • މިހާރުވެސް މީރާއަށް ވަޑައިގަންނަވަން ނުޖެހޭވަރަށް ޚިދުމަތްތައް ވަނީ އޮޓަމޭޓްކޮށްފައި

މީރާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކުރުމުގެ އިތުރުން އިންޓަރނަލް ޕްރޮސަސްތައްވެސް އޮޓަމޭޓްކުރުމަށް ރާވަމުންދާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މީރާގެ ޑިރެކްޓަރ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަޙްމަދު ޝަފްނީޒް ވިދާޅުވީ، ކުރިއަށްއޮތްތަނުގައި މީރާއިން ކުރުމަށް ނިންމަވާފައިވާ ކަންތައްތައް ނުވަތަ މީރާގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ކަމަކީ އެއިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން ކަމަށެވެ.

"މައިގަނޑު ގޮތެއްގައި މި ސްޓެރީޖިކް ޕްލޭންގައި އަޅުގަނޑުމެން ކުރަން އެންމެ ބޭނުންވާ އެއްކަމަކަށް އަޅުގަނޑުމެން ފާހަގަކޮށްފައި އިންނާނީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނު އަޅުގަނޑުމެންނަށް މަތިކޮށްފައިން ޒިންމާ، އެއީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދު ނުވަތަ މަސައްކަތް ވީހާވެސް ކުޑަވާނެހެން އިންތިޒާމްތައް ހަމަޖެއްސުން" ޑިރެކްޓަރ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަޙްމަދު ޝަފްނީޒް ވިދާޅުވިއެވެ.

ޒާމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މީރާގެ ސިސްޓަމްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އިންޓަރނަލް ޕްރޮސެސްތައްވެސް އޮޓަމޭޓްކޮށް މީރާގެ މަސައްކަތްތައް އެފިޝެންޓްކުރެވޭނެ ގޮތްތައް މިހާރު ރާވަމުންދާ ކަމަށްވެސް ޝަފްނީޒް ފާހަގަކުރެއްވިއެވެ.

ޝަފްނީޒް ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކުން މިހާރުވެސް މީރާގެ ޚިދުމަތްތައް ހޯދުމަށް، މީރާއަށް ވަޑައިގަންނަވަން ނުޖެހޭވަރަށް ޚިދުމަތްތައް އޮޓަމޭޓްކުރެވިފައިވާ ކަމަށެވެ. އެގޮތުން މައުލޫމާތު ސާފުކުރުމާއި ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޚިދުމަތްތައް މިހާރުވެސް ޑިޖިޓަލްކޮށް ފޯރުކޮށްދެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް އަދި އެއަށްވުރެވެސް ބޮޑަށް މިހާރު ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ޒަމާނެއްގައި، އައު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މިހާރު އަޅުގަނޑުމެން ތެރޭގައި ހުރި ސިސްޓަމްތަކަށްވުރެވެސް ބޮޑަށް އަދި އެއަށްވުރެ ފުރިހަމަ ސިސްޓަމްތަކެއް ގާއިމްކޮށް އިތުރަށް ހަމަ ޓެކްސް ޕޭޔަރުންނަށް ފަސޭހަ ނިޒާމެއް ޤާއިމްކުރުމަށް އަޅުގަނޑުމެން މިހާރުވެސް މިދަނީ މަސައްކަތްކުރަމުން" އަޙްމަދު ޝަފްނީޒް ވިދާޅުވިއެވެ.

މީރާއަށް 15 އަހަރު ފުރިފައި ވާއިރު، އެ އިދާރާގެ މަސައްކަތް ފެށީ 2010ވަނަ އަހަރުގެ އޮގްސްޓް މަހުގެ 2ވަނަ ދުވަހުއެވެ. ސާޅީހަކަށް މުވައްޒަފުންނާއެކު ފެށި މަސައްކަތް ފުޅާވެ، މިހާރު މީރާގައި 300އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އިދާރާގެ 18 އޮފީހެއް ހިންގަމުންދެއެވެ.