ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް، ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު ތަޞައްވުރެވެ.
ރަސްމާލެ ތަރައްޤީކުރުމަށް 1010 ހެކްޓަރުގެ ބިން ހިއްކައެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިހާތަނަށް 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކާފައެވެ.
ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ 20 އަހަރުތެރޭގައި 200،000 (ހައުސިން ޔުނިޓް) ބޯހިޔާހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. ރަސްމާލެއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ހިންގަން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢެކެވެ.
ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެނެވެ. އަދި ތިމާވެށީގެ މައްސަލަތަކުގެ ހިރާސްތައް ކުޑަވާނެހެން، ވަސީލަތްތައް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކޮންސަލްޓަންސީ މަސައްކަތަށް ހުޅުވާލާފައިވަނީ ބޭސްލައިން ސްޓަޑީ ހެދުމާއި އަރބަން ޑިވެލޮޕްމަންޓް ފްރޭމްވަރކް އެކުލަވާލުމާއި ބިން ބޭނުންކުރާނެގޮތުގެ ޕްލޭން އެކުލަވާލުމާއި ހިއްކާ ބިން ހިމާޔަތްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތަކާ ކަމާގުޅޭ އިދާރާތަކާއި ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާ ކުރިއަށްގެންދާނެ ގޮތުގެ ކަންކަން ތަރުތީބުކުރުމަށެވެ.
މާސްޓަރ ޕްލޭންގެ ދަށުން، ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި ޔުޓިލިޓީގެ ޚިދުމަތުގެ ޕްލޭނާއި ދަތުރުފަތުރާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެއެވެ. ރަސްމާލޭގެ ކޮންސަލްޓަންސީ މަސައްކަތަށް ބިޑް ހުށައެޅުން އޮންނާނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، 10:00ގައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު އިޢުލާނުކޮށްފައިވާ ގޯތި ދިނުމަށް ކަނޑައަޅާފައިވަނީ ރަސްމާލެ ހިއްކާ ނިމުމުންކަމަށެވެ. ރައީސް ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް މިހާރު އަނެއްކާވެސް މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
އެ މަސައްކަތް ދެން ކުރުމަށް ނިންމާފައިވަނީ 2 ޑްރެޖަރ ބޭނުންކޮށްގެންނަމަވެސް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށް ރައީސް ހާމަކުރެއްވިއެވެ.